ރަހީނު ކުރި ކަމަށް ބުނާ ބިދޭސީއަކު ފިލައިގެން ފުލުސް އޮފީހަށް ހާޒިރުވެއްޖެއެވެ.

ފުލުހުން ބުނީ ބަޔަކު ރަހީނު ކޮށްގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ބިދޭސީ މީހާ ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ފުލުސް އޮފީހަށް ހާޒިރުވެފައި ކަމަށެވެ. އޭނާ ރަހީނު ކުރި މީހުންގެ ކިބައިން ސަލާމަތް ވެގެން އެމީހުންނަށް ފިލައިގެން އަމިއްލައަށް ފުލުހަށް ހާޒިރުވެ އެކަން ހިނގާފައިވާ ގޮތް އިތުރަށް ތަފްސީލް ކޮށްދީފައި ވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ބަންގްލަދޭޝް ފިރިހެނަކު ރަހީނު ކޮށްގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މި ދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 2:46 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި މައުލޫމާތު ރިޕޯޓް ކުރުމާ އެކު އެމީހާ ހޯދުމަށް ފުލުހުން ވަނީ މަސައްކަތް ފަށާފައެވެ. އެއީ 34 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީކޮށް ބަލަމުން ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.