އުންމީދަކީ، އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މިހާރު އުންމީދު ކުރައްވަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އަހަރަކު 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރައްވަން ކަމަށެވެ. މި ގޮތަށް ނިންމެވީ މިހާރުވެސް ގިނަ ފަރާތްތަކެއް ލޯނަށް އެދެމުން ދާތީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް އެސްޑީއެފްސީ އިން 120 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަން ވެސް ފައްޔާޒު ފާހަގަ ކުރެއްވިއެވެ. އެ ލޯނަށް ގިނަ ފަރާތްތަކުން އެދެމުން ދާތީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިތުރު ފަރާތްތަކަކަށް ލޯނު ދޫކުރައްވަން ވިސްނަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވެފައި ވަނީ، ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން އައްޑޫ އާއި ފުވައްމުލަކުގައި ގެސްޓްހައުސް އެޅުމަށް ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް (އެސްއެމްއީ) ބޭންކުން އެއް މިލިއަން ޑޮލަރުގެ ފެސިލިޓީ ލިބޭނެ ކަމަށާއި، އެކަން ވަރަށް އަވަަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

މިދިޔަ މާޗް މަހު ހުޅުވި އެސްއެމްއީ ބޭންކުގެ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒިނާދު ވިދާޅުވެފައި ވަނީ، މިހާރު އެންމެ ގިނައިން ލޯނަށް އެދި އެޕްލިކޭޝަން ލިބެމުން ދަނީ ގެސްޓަހައުސް ތަކަށް ދޫކުރާ (ރަށުފަތުރު) ލޯނަށް ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޭން އެސްޑީއެފްސީގެ ނަމުގައި ބޭންކެއް އުފައްދާފައި ވަނީ މިދިޔަ މާޗް މަހުއެވެ. އެ ބޭންކުން ވަނީ ތަފާތު ގިނަ ލޯނުތަކެއް ތައާރަފު ކޮށްފައެވެ. އެއީ ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނުގެ އިތުރުން ހަރުމުދާ ލޯނެވެ.