މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ސްރީލަންކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަމަށް ސްރީލަންކާ އަސްކަރިއްޔާގެ ކުރީގެ ކޮމާންޑާ ޖެނެރަލް މަހޭޝް ސެނަނަޔަކަ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވިކަން ސެނަނަޔަކަ އިއުލާންކުރެއްވީ، ސްރީލަންކާގެ ގުޅިފައިވާ މަދަނީ ޖަމިއްޔާތަކުގެ އިއްތިހާދު (އެންޕީއެން)އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ރެލީއެއްގައެވެ.

އޯގަސްޓްމަހު މަގާމުން ރިޓާޔާ ކުރެއްވި ސެނަނަޔަކަ ވިދާޅުވީ ސްރީލަންކާއަށް މިހާރު ތަފާތު ބަދަލެއް ބޭނުންވާ ކަމަށާ، އެ ތަފާތަކީ ޚުދު އޭނާ ކަމުގައެވެ. ސިޔާސީ ކުޅިވަރުގައި ޖެހި ގައުމު ހަލާކުވެފައިވާކަމަށާ، އެހެންކަމުން ގައުމަށް މިހާރު ބޭނުންވަނީ މިނިވަން ބާރެއް ކަމަށާ، ގައުމަށް ބޭނުންވާ ބަދަލު ގެނެސްދެވޭނީވެސް އެ މިނިވަން ބާރަށް ކަމަށްވެސް ސެނަނަޔަކަ ވަނީ ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ސެނަނަޔަކަ ވިދާޅުވީ އޭނާގެ ޓީމުގައި ސިޔާސީ ކުލަޖެހިފައިވާ އެއްވެސް ޝަހްސެއް ނުހިމެނޭނެކަމަށާ، އޭނާގެ ޓީމަކީ އިލްމީ ބޭފުޅުންނާ ތަޖުރިބާކާރުންގެ މައްޗަށް ބިނާވެފައިވާ ޓީމެއް ކަމަށެވެ. އޭނާއަކީ ސިޔާސީ މީހުންނާ ގުޅުން އޮންނަ މީހެއް ނޫންކަމަށާ، އޭނާގެ ފަހަތުގައި އޮތީ ސްރީލަންކާގެ މަދަނީ ޖަމިއްޔާތައް ކަމަށްވެސް ސެނަނަޔަކަ ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސެނަނަޔަކައަކީ ސްރީލަންކާގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް އަދި އަސްކަރީ ފީލްޑް މާޝަލް ސަރަތު ފޮންސެކާއަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު، ސްރީލަންކާގެ މިހާރުގެ ރައީސް މައިތްރީޕާލަ ސިރިސޭނާއަށް ލިބިބަވަޑައިގެންނެވިނަމަވެސް، އިންތިހާބަށް ކުރިމަތިލައްވާނެކަން އަދި ހާމަކުރައްވާފައެއް ނުވެއެވެ.