އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތު ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގެ ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާ ވެސް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވެއެވެ.
އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއޯޓާޒް ޅ.މާފިލާފުށީ، ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.