ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނުންގެ ފަރާތުން ވަރުގަދަ ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި އޮތުމާއެކުގައިވެސް އަފްޣާނިސްތާނުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މުޅި ގައުމުގައި ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ ކޮށްފައިވާއިރު، އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި، ސަލާމަތީ ބާރުތަކުގެ އެތައް ހާސް އޮފިސަރުންނެއް ދަނީ ފޯރިމަރަމުންނެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށްވެސް މިއަދު ހެނދުނު ވަނީ ކަންދަހާރު ޕްރޮވިންސްގައި އެއްޗެއް ގޮއްވާލާފައެވެ. މި އެއްޗެއް ގޮއްވާލާފައިވަނީ ވޯޓުލާ މަރުކަޒަކާ ދާދި ކައިރީގައެވެ. މި ހަމަލާގައި 15 މީހަކު ވަނީ ޒަހަމްވެފައެވެ.

އަފްޣާނިސްތާނުގެ ގަޑިން މިއަދު ހަވީރު 05:00 އާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އަފްޣާނިސްތާނުގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި 15 ކެންޑިޑޭޓަކު ގެންދަވަނީ ވާދަކުރައްވަމުންނެވެ. މި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ މިހާރުގެވެސް ރައީސް އަޝްރަފު ޣަނީއާއި ޗީފް އެގްޒެކެޓިވް ޢަބްދުﷲ ޢަބްދުﷲއެވެ.

އަޝްރަފު ޣަނީއާއި ޢަބްދުﷲއަކީ ފާއިތުވެދިޔަ 5 އަހަރު ދުވަހުވެސް ގުޅިފައިވާ ސަރުކާރެއްގެ އުސޫލުން ވެރިކަން ހިއްސާކުރައްވަމުން ގެންދެވި 2 ބޭފުޅުންނެވެ.

އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ އަސްކަރީ ބާރުތަކުން 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އަރާ ތޯލިބާނުންގެ ވެރިކަން ނިމުމަކަށް ގެނައިފަހުން ތޯލިބާނު ޖަމާއަތުން ދަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ އަސްކަރީ ފައުޖުތައް އެގައުމުން ފޭބުމަށް ޑިމާންޑްކުރަމުންނެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އަފްޣާނިސްތާނުގައި ރިޔާސީ އިންތިހާބެއްގެ ވޯޓުލުން ކުރިއަށް ގެންދިއުމަކީ ލަދުވެތިކަމެއް ކަމަށް ބުނެ ތޯލިބާނު ޖަމާއަތުންވަނީ މި އިންތިހާބާ ދެކޮޅު ހަދާފައެވެ.

ތޯލިބާން ޖަމާއަތުންވަނީ މިފަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އަފްޣާނިސްތާނުގެ އާންމު ރައްޔިތުންނަށް ގޮވާލާފައެވެ. އަދި ސަލާމަތީ ބާރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އެޖަމާއަތުންވަނީ ދީފައެވެ. މީގެ އިތުރުން މަގުތައް ބްލޮކްކޮށް، ވޯޓުލާ މަރުކަޒުތަކަށްވެސް ހަމަލާދޭނެކަމަށް ތޯލިބާނު ޖަމާއަތުން ވަނީ އިންކާރުކޮށްފައެވެ. މި އިންޒާރުތަކާއެކުގައިވެސް އަފްޣާނިސްތާނުގެ ބައެއް ރައްޔިތުންވަނީ މިފަހަރުގެ އިންތިހާބުގައި ބައިވެރިވެ، ފަރުދީ ޒިންމާ އަދާކުރާނެ ކަމަށް ބުނެފައެވެ.