އދގެ އިސްވެރިންގެ ބައްދަލުވުމުގައި ކުރެއްވިފުރަތަމަ ތަގުރީރު ފެއްޓެވުމުގެ ކުރިން، އެލް ސަލްވަޑޯގެ ރައީސް ތާރީހީ ރެކޯޑެއް ހޯއްދަވައިފިއެވެ.

އެލް ސަލްވަޑޯގެ ފަރާތުން ވާހަކަފުޅު ދައްކަވަން ފެއްޓެވުމުގެ ކުރިން، ރައީސް ނަޔީބު ބުކޭލޭ ވަނީ ޕޯޑިއަމްގައި ހުންވައިގެން ސެލްފީއެއް ނަންގަވާފައެވެ. އެކަން ތަފްސީލުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އުމުރުފުޅުން 38 އަހަރުގެ ރައީސް ވިދާޅުވީ، އޭނާ ދައްކަވާ ވާހަކަފުޅު އަޑުއަހާ މީހުންނަށްވުރެ އެ ސެލްފީ ބަލާ މީހުންގެ އަދަދު ގިނަ ވާނެ ކަމަށެވެ.

މިވަގުތު ވެރިކަން ކުރައްވަމުން ގެންދަވާ އެންމެ ޒުވާން ލީޑަރުންގެ ޖާގަ ހޯއްދަވާފައިވާ ބުކޭލޭ ވަނީ ޒަމާނާ އެއްވަރަށް އދ ތަރައްގީވުމަށް ގޮވާލައްވާފައެވެ. އަދި ގައުމުތަކުގެ ޒުވާން އާބާދީއާއި އެ ގައުމުތަކުގެ އިސްވެރިންގެ ގުޅުން ބަދަހިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެއްވުމަށްވެސް އެލް ސަލްވަޑޯގެ ޒުވާން ރައީސް ވަނީ ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

ބުކޭލޭ ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކަށް ބަލާއިރު މި މަޖިލީހުގައި ތަގުރީރުކުރެއްވުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލީޑަރުން ކޮންމެހެން އެމެރިކާއަށް ވަޑައިގަންނަވަން ނުޖެހުންވެސް އެކަށީގެންވާކަމަށެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ތަގުރީރުތައް ގެނެސްދޭނަމަ އެތައް މިލިއަން ޑޮލަރެއް ސަލާމަތްކުރެވި، އެކަމުގެ ފައިދާ އެތައް ގުނައަކަށް އިތުރުވެގެންދިޔައީސްކަމަށްވެސް އެލް ސަލްވަޑޯގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެލް ސަލްވަޑޯގެ ރައީސް ނަޔީބު ބުކޭލޭ އދގެ ޕޯޑިއަމްގައި ހުންވައިގެން ނެންގެވި ސެލްފީ/ފޮޓޯ: ރައީސް ނަޔީބު ބުކޭލޭ

އދގެ އިސްވެރިންގެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ތަގުރީރުކުރެއްވުމަށްފަހު ބުކޭލޭ ވަނީ އޭނާގެ ޓްވިޓާގެ އެކައުންޓްގައި ސެލްފީ އާންމުކުރައްވާފައެވެ. ސެލްފީ އާންމު ކުރެއްވިތާ ގަޑިއިރެއްހާއިރުވެސް ނުވަނީ 7000 އަށްވުރެ ގިނަ ލައިކް އެ ޕޯސްޓަށް ވަނީ ލިބިފައެވެ.