ޓެރަރިޒަމަކީ ވަކި ގައުމަކަށް އޮތް ނުރައްކަލެއް ނޫންކަމަށާ، އެއީ މުޅި އިންސާނިއްޔަތަށާ ދުނިޔެއަށްވެސް އޮތް ނުރައްކަލެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ސިފަކުރައްވައިފިއެވެ.

މިފަދަ މޭރުމަކުން ޓެރަރިޒަމް ސިފަކުރައްވާ، އިންސާނިއްޔަތަށްޓަކައި މުޅި ދުނިޔެވެސް ޓެރަރިޒަމާ ދެކޮޅަށް އެކަތިގަނޑަކަށްވުމަށް މޯދީ ގޮވާލައްވާފައި މިވަނީ، އދގެ 74 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ފަރާތުން ތަގުރީރުކުރައްވަމުންނެވެ.

ދުނިޔޭގެ ސުލްހައަށްޓަކައި އިންޑިއާއިން ކޮށްދީފައިވާނެ ކަންތައްތަކެއް ވާހަކަ ފާހަގަކުރައްވާ ތަގުރީރު ކުރިއަށް ގެންދަވަމުން މޯދީ އިތުރަށް ވިދާޅުވީ، އދގެ ސުލްހަ ބަލަހައްޓާ މިޝަންތަކުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ގައުމަކީވެސް އިންޑިއާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި 2 ވަނަ ދައުރަކާ ހަވާލުވެވަޑައިގެންނެވި ފަހުން އދގައި ކުރެއްވި ފުރަތަމަ ތަގުރީރު 15 ވަރަކަށް މިނެޓަށް ދެމިގެންދިޔައިރު، ކަޝްމީރުގެ މައްސަލައާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ކަޝްމީރުގެ މައްސަލައާއި ގުޅިގެން ޕާކިސްތާނުން އިންޑިއާއަށް އަމާޒުކުރި ފާޑުކިއުންތަކަށް މިއަދުގެ ވަގުތެއްގައި އިންޑިއާއިން ވަރުގަދަ ރައްދެއް ދޭނެ ކަމަށް ލަފާކުރެވެއެވެ.