ރާއްޖެއަކީ އެހެން ގައުމުތަކަށް އޮތް ބިރަކަށް ވާކަށް އަދިވެސް ބޭނުން ނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ޓްވިޓާގައި އާއްމުންގެ ބަޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 2018ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި މިނިސްޓަރު ފައްޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މީގެ ފަސް އަހަރުކުރިން ރާއްޖޭގައި ހިނގާ ކަންކަމާ ގުޅިގެން ޗައިނާއަކީ ބަސް ބުނެފައިވާ ގައުމެއް ނޫން ކަމަށެވެ. ނަމަވެސް މަޑުމަޑުން ޗައިނާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށް އަތްގަދަ ކުރަމުންދާ ކަމަށާއި އަދި ދުރުނޫން މުސްތަގުބަލުގައި ޗައިނާގެ ބާރު ހިނގާ ސަރަހައްދެއް އިންޑިއާ ކަނޑުގައި އުފެދިގެން ދާނެ ކަމަށް މިނިސްޓަރު 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ޓްވީޓާގައި މިއަދު މީހަކު ވަނީ އެ ޓްވީޓު ރީޓުވީޓުކޮށް އެއީ މިހާރުގެ އިކޮނޮމިކް މިނިސްޓަރު މިދިޔަ އަހަރު ވިދާޅުވި ކަމަށް ވިދާޅުވެ ޓްވީޓު ކޮށްފައެވެ. އަދި އެ ޓްވީޓަށް އިތުރު މީހަކު ރިޕްލައި ކުރަމުން ވަނީ މިއަދު އެވާހަކަތައް ބަދަލުވީތޯ މިނިސްޓަރު ފައްޔާޒާއި ސުވާލު ކޮށްފައެވެ.

ޖަވާބުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިއަދުވެސް އެކަމުގައި އެމަނިކުފާނުގެ ބަސްމަގު ބަދަލު ނުވާ ކަމަށެވެ. އެ ދުވަހު ވިދާޅުވި ބަސް ދިފާއު ކުރައްވާ މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮތް ބިރަކަށް ވިޔަކަށް ނުދެއްވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ދުނިޔޭގެ އެންމެ ބާރުގަދަ ދެ ގައުމާ އެކު ރާއްޖެއިން އޮތީ ގާތް ގުޅުމެއް ކަމަށެވެ. އެ ދެ ގައުމުގެ ނަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ. ނަމަވެސް ބޮޑަށް ބެލެވެނީ އެއީ އިންޑިއާ އަދި ޗައިނާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާތް ގުޅުމެއް ޗައިނާއާ ބާއްވަމުން ގެންދާތީ މިހާރުގެ ސަރުކާރުގެ ބޭފުޅުން އެކަމާ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވިއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ އެކުގައި މާބޮޑު ގާތް ގުޅުމެއް ނުބާއްވާތީ އިންޑިއާއިން ބޮޑަށް އައީ އޭރުގެ ސަރުކާރުގެ ދާހިލީ ކަންކަމުގެ ތެރެއަށްވެސް ވަންނަމުންނެވެ. އެކަމާއި އޭރު ސަރުކާރުގެ ވެރިން ދިޔައީ ވަރަށް ބޮޑަށް ފާޑު ވިދާޅުމުންނެވެ.