ބައެއްކަހަލަ ސައިފަތް ޕެކެޓްތަކުގެ ޒަރިއްޔާއިން ކުދިކުދި ޕްލާސްޓިކް ކުނޑިކޮޅުތައް ނުވަތަ މައިކްރޯޕްލާސްޓިކްސް، ސައިތަށި ތެރެއަށް ފެތުރިގެންދާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކެނެޑާގެ ދިރާސާ ޓީމަކުން ކުރި މަސައްކަތްތަކުގެ ނަތީޖާ ދައްކާ ގޮތުން ބައެއް ކަހަލަ ސައިފަތް ޕެކެޓްތަކަކީ، ފެނުގައި ޖެހުމުން ގިނަ އަދަދަކަށް މައިކްރޯޕްލާސްޓީކް ބޭރުކުރާ ޕެކެޓްތަކެކެވެ.

މައިކްރޯޕްލާސްޓިކަކީ ތިމާވެށީގެ އެކި ހިސާބުތަކުން ބޯފެނާ ބައެއްކަހަލަ ކާބޯތަކެއްޗަށް ވާސިލުވެފައިވާ ކުދިކުދި ކުނޑިކޮޅުތަކެކެވެ. މިއިން ކުނޑިކޮޅެއްގެ ބޮޑުމިނުގައި 5 މިލިމީޓަރުވެސް ނުހުންނާނެއެވެ. ފުރާނައަށް ނުރައްކާވާ ދަރަޖައަށް ބޯފެނުގައި މައިކްރޯޕްލާސްޓިކް އެކުލެވިގެން ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވަނީ ބުނެފައެވެ. ނަމަވެސް މި ރޮނގުން އިތުރު ދިރާސާތައް ހެދުމަށް އެޖަމިއްޔާއިންވަނީ ގޮވާލާފައެވެ.

ކެނެޑާގެ މޮންޓްރިއާލްގެ ޔުނިވާސިޓީއަކުން ކުރިއަށްގެންދިޔަ ދިރާސާ ހަދާ ފައިވަނީ އާންމުކޮށް ބާޒާރުން ލިބެން ހުރި 4 ބްރޭންޑެއްގެ ސައިފަތް ޕެކެޓް ބޭނުންކޮށްގެންނެވެ. ސައި ޖޯޑަކަށް ހެޔޮވަރަށް ސައިފަތް އަޅައިގެން ސައިފަތް ޕެކެޓް މީގެ ކުރިން އާންމުކޮށް ބަންދުކުރަމުން ދިޔައީ ކަރުދާހުން ތައްޔާރުކޮށްފައިވާ ޕެކެޓްތަކެއްގައެވެ. ނަމަވެސް މިފަހަކަށް އައިސް ޕްލާސްޓިކް ބޭނުންކޮށްގެން ތައްޔާރުކުރާ ތުނި ފޮތި ކޮޅެއް ޒާތުގެ ޕެކެޓްތަކުގައި ސައިފަތް ބަންދުކުރާތީ ވަނީ ފެންނަން ފަށާފައެވެ.

ދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި ޓީމުން ވަނީ ސައިފަތް ޕެކެޓް ކަނޑާލުމަށްފަހު އޭގައި ހުރި ސައިފަތްތައް ހުސްކުރުމަށްފަހު، ހުސްޕެކެޓް، 95 ޑިގްރީ ސެލްސިއަސްއަށް ހޫނުކޮށްފައިވާ ފެނަށްލާފައެވެ. ދިރާސާއިން ހާމަވި ބައެއް ކަންކަމަށް ބަލާއިރު، އެންމެ ޕެކެޓަކުންވެސް 11.6 ބިލިއަން މައިކްރޯޕްލާސްޓިކް ކޮޅާ، އެއަށްވުރެވެސް ކުޑަ، 3.1 ބިލިއަން ނެނޯޕްލާސްޓިކް ކޮޅު ހޫނުފެންފޮދުގެ ތެރެއަށް ވަނީ ދަތުރުކޮށްފައިކަން ފާހަގަކުރެވެއެވެ. މި އެތިކޮޅުތަކަކީ، އެއްވެސް ހާލެއްގައި ހަމަލޮލަށް ފެންނާނެ ކުނޑިކޮޅުތަކެއް ނޫނެވެ.

އެންވައިރަމެންޓަލް ސައިންސް އެންޑް ޓެކްނޮލޮޖީ ޖާނަލްގައި އާންމުކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި، މިއީ ކެއިންބުއިމަށް ބޭނުންކުރާ އައިޓަމަކުން ޕްލާސްޓިކް ދަތުރުކުރާ ކަމަށް މިހާތަނަށް ރެކޯޑްކުރެވުނު މިންގަނޑުތަކަށްވުރެ މަތީ މިންވަރެކެވެ.

ދިރާސާ ޓީމުންވަނީ ސައިފަތް ގަންނައިރު މިކަންކަމަށް މިހާރަށްވުރެ ސަމާލުވުމަށް، ސައިބުއިމަށް ލޯބިކުރާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.