މަތިންދާ ބޯޓުން ދަތުރުކުރުމަށް ޓިކެޓް ނަގާއިރު ކުޑަކުދިން ތިބޭނެ ސަރަހައްދުތައް އިނގޭނެ ފަދަ ފީޗާއެއް، ޖަޕާން އެއާލައިންސްއިން ތައާރަފުކޮށްފިއެވެ.

އޮންލައިންކޮށް ސީޓް ބުކްކުރާ ފަރާތްތަކަށް މި ސިސްޓަމް މެދުވެރިކޮށް އަންގައިދެނީ އުމުރުން 2 އަހަރުން ދަށުގެ ތުއްތުކުދިން ތިބޭ ސަރަހައްދުތަކެވެ. އެ ގޮތުން 2 އަހަރުން ދަށުގެ ކުދިން ތިބޭ ސީޓްތަކުގައި "ޗައިލްޑް" އައިކަން ފާހަގަކޮށްފައި ހުރެއެވެ.

މަތިންދާބޯޓުތަކުގައި ކުރާ ބައެއް ދަތުރަކީ 13 ގަޑިއިރަށް ދެމިގެންދާ ދަތުރުތަކަކަށްވާއިރު، ތުއްތުކުއްޖަކާ ޖެހިނގެން އިނދެ ދަތުރުކުރުމަކީ ބައެއް ފަސެންޖަރުން ނުރުހޭ ކަމެކެވެ. އެހެނީ ކުޑަކުދިންނަކީ ވައިގެ އުދުހުންތަކުގައި ބޯޓު އުދުއްސާލާ ވަގުތާ، ޖައްސަން އަންނަ ގަޑީގައިވެސް އާދަޔާ ރޯ ބަޔަކަށްވުން ކަމަށް އެފަދަ ފަސެންޖަރުން ބުނެއެވެ.

އޮންލައިންކޮށް ބުކިންގް ހަދާއިރު ތުއްތު ކުދިން ތިބޭ ސީޓްތައް ފާހަގަކޮށްފައި ހުރި ނަމަވެސް މިއީ 100 ޕަސެންޓް ފޫލްޕްރޫފް ފީޗާއެއް ނޫންކަމަށާ، އެހެނީ 3 ވަނަ ފަރާތެއް މެދުވެރިކޮށް ޓިކެޓިންގް ކައުންޓަރުން ބުކިންގް ހަދައިގެން ޓިކެޓް ނަގާ ފަރާތްތަކާއެކު ދަތުރުކުރާ ތުއްތުކުދިންގެ ސީޓްތައް މި ސިސްޓަމުން ބަލާލެވެން ނެތުންކަން ޖަޕާން އެއާލައިންސްއިން ފާހަގަކުރެއެވެ.

ޖަޕާން އެއާލައިންސްގެ މި ފީޗާއަށް ތައުރީފުކޮށް ބައެއް މީހުން ވާހަކަދައްކާއިރު، އަނެއް ބަޔަކު ދަނީ ވައިގެ އުދުހުންތަކުގެ ހިދުމަތް ބޭނުންކުރާ ފަސެންޖަރުން މިހާރަށް ވުރެ ކެތްތެރިވުމަށް ގޮވާލާފައެވެ.