މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހިތާމަވެރި ހާދިސާއިން އެތައް ބައެއްގެ ދިރިއުޅުން 'އަނދާ އަޅިއަށް' ވެގެން ދިޔައެވެ. ގިނަ ބަޔަކު ނަފްސާނީ ގޮތުން ބޮޑު ސިހުމެއްގެ ތެރޭގައި ތިބި އިރު އަލިފާނުގެ އަސަރު ނުކުރާ ކައިރި ގެތަކުގެ މީހުންވެސް ތިބީ ސިހިސިހިއެވެ.

ތިރީގައި އެވަނީ އަލިފާނުގެ ހާދިސާ ހިނގި އަބަދަށް ވެފިމަގާ އިންވެގެން އޮންނަ ސަމުންދު ގޯޅީގައި ހުންނަ ގެއެއްގައި ދިރިއުޅުނު "ދަ ޕްރެސް" ގެ ނޫސްވެރިއަކު ކުރި ބިރުވެރި ތަޖުރިބާއެވެ. ނޫސްވެރިއާގެ އެދުމުގެ މަތިން އޭނާގެ ނަން ހާމަ އެއް ނުކުރަމެވެ.

"އަލިފާނުގެ އަސަރު އަހަރެން އުޅޭ ގެއަށް ނުކުރި ނަމަވެސް ނަފްސާނީ ގޮތުން އަހަރެންގެ އާއިލާއަށް ވެސް ލިބުނީ ބޮޑު ސިހުމެކެވެ. ސައިރަންގެ އަޑު އިވޭ ކޮންމެ ފަހަރަކު ކައިރި ގެތަކުގައި އުޅޭ މީހުންނެކޭ ވެސް އެފަދައިން އަހަރެންގެ އާއިލާގެ މެންބަރުން ވެސް ތިބެނީ ސިިހިސިހި އެވެ. އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރު ހިތުން ފިލައިގެނެއް ނުދެއެވެ.

މިދިޔަ ހުކުރު ދުވަހު ހާދިސާއެއް ހިނގައިގެން އުޅޭ ކަން އެނގުނީ އަހަރެންގެ ދަރިފުޅަށް ކާން ދޭން އިންދާ ހަވާ އަރުވާ ކަހަލަ އަޑެއް އިވޭތީ ބޭރު ބަލާލުމުންނެވެ. ގަލޮޅު ދަޑުގައި ކަމެއް ނެތިއްޔާ އާންމުކޮށް ގޭގެ ސިޓިން ރޫމުން ބޭރު ފެންނާނީ އަނދިރިކޮށެވެ. ނަމަވެސް އެވަގުތު ބޭރު ބަލާލުމުން މުޅިތަން އޮރެންޖް ކުލައިން ދިއްލިގެން ދިއުމާ އެކު ވަރަށް ބާރަށް އެއްޗެއް ގޮވާފައި ހުޅުގަނޑު ފަޅައިގެން ދިޔަތަން ފެނުނެވެ. މަންޒަރު ފެނުމާއި އެކު އަހަރެން އަވަސްވެގަތީ ފަޔާ އެންޑް ރެސްކިއު އަށް ގުޅުމަށެވެ. އޭރު ގަޑިން ގާތްގަނޑަކަށް ވާނީ 7:23 ހާއިރެވެ.

ހެންވޭރުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔާ ފައިޓަރުން ހަރަކާތްތެރިވަނީ / ފޮޓޯ: ދަ ޕްރެސް

ފަޔާ އަށް ގުޅާ ހާދިސާ ރިޕޯޓް ކުރުމަށް ފަހު 'އެއޮތް އުޅެނީ ރޯވެގެންނޭ، އެންމެން މަޖީދީ މަގު ކަންމައްޗާ ދިމާލަށް ތިރިއަށް ދާށޭ' ކިޔާ އަހަންނަށް ހަޅޭއް ލަވަން ފެށުނެވެ. ކޮންމެ ވެސް ގޮތަކުން އެވަގުތު ހިތަށް އެރީ މަޖީދީ މަގު ކަންމައްޗާވާ ދިމާއަކީ ރައްކާތެރި ސަރަހައްދެއް ކަމަވެ. ހަޅޭއްލަވަމުން އަހަރެން ހެދުން އަޅަން އަވަސްވެގަތް ވަގުތު، ދަރިފުޅަށް ކާންދޭން ކައިރީގައި ބަހައްޓާފައި ހުރި ފެންތަށި ވެއްޓުނީ ކިހިނެއް ކަންވެސް ނޭނގެއެވެ. ތަޅުއްމަތިން އަހަރެންގެ ފައި ކައްސާލައިގެން ބިންމައްޗަށް ވެއްޓުނީ ތެމިފައި ހުރުމުންނެވެ. ވެއްޓުމުން ވީ ތަދަށް ބެލުމެއް ނެތި އަވަހަށް ބެލީ ތިރިއަށް ފޭބޭތޯއެވެ.

ދުވަހަކުވެސް ހެދުން ނާޅާހާ އަވަހަށް ހެދުން އަޅައިގެން އަހަރެން 5 ވަނަ ފަންގިފިލާގައި ހުރެފައި އެހެން އެޕާޓްމަންޓްތަކުގެ ދޮރުތަކުގައި ތަޅާ އަވަހަށް ތިރިއަށް ފައިބާށޭ ކިޔާ ހަޅޭއް ލަވަމުން ސިޑިން ތިރިއަށް ފޭބުމަށް އަވަސް ވެގަތީމެވެ. ސިޑިން ފޭބި ވަގުތު ވެސް އަހަންނަށް ވިސްނެނީ މައިދައިތައާ، ބަފައިބެ ނެރޭނެ ގޮތަކާ މެދު އެވެ. އެއީ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. ބަފައިބެ އަކީ އުމުރުން 70 ގެ އަހަރުތައް ގުނަމުން ދާ މީހެކެވެ.

މަންމައާއި ކޮއްކޮއާއި އެކު އަހަރެންގެ ދަރިފުޅު އުރައިގެން ބޭރަށް ނިކުތް އިރު އަބަދަށް ފެހިމަގުން މީހުން ދުރަށް ޖެއްސުމުގައި ފުލުހުން ހަރަކާތްތެރި ވަމުން ދިޔަ މަންޒަރު އަހަރެން ދުށީމެވެ. މީހުންތައް ރޯ އަޑާއި ހަޅޭއްލަވާ އަޑުގެ އިތުރުން ސައިކަލުތައް ގޮވާ ކަހަލަ އަޑުތައް އިވެމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. އެވަގުތު ހުޅުގަނޑު ފަޅަފަޅައިގެން ދާތަން ފެނި އަހަރެންގެ ހިތުގައި ވާ ބިރުވެރިކަން ދެގުނައަށް ބޮޑުވެގެން ދިޔައެވެ. އެ ހުޅުގަނޑުގެ އުސްމިން 6 ވަނަ ފަންގިފިލާއަށް އަރާނެކަން ކަށަވަރެވެ. އޭރު މާލޭގެ އެކި ހިސާބުތަކުގައި އުޅޭ މީހުން ދިޔައީ އެ ސަރަހައްދަށް ޖަމާވަމުންނެވެ.

ހ. ފެހި އާބާދުގޭގައި ރޯވެ އަލިފާންގަނޑު ފެތުރެމުންދާތީ އެ ސަރަހައްދުން މީހުން ދުރައްޖައްސަނީ

މަންޒަރު ބަލަން އެ ސަރަހައްދަށް އެއްވަމުން ދިޔަ މީހުންނާއި، ސައިކަލުތަކާ ހެދި ކައިރި ގެތަކުން ނިކުތް މީހުންނަށް އަރިއަކަށް ޖެހިލެވޭނެ ތަންކޮޅެއް ނެތް ވަރަށް އެ ސަރަހައްދު އޮތީ ތޮއްޖެހި ފިތި ބާރުވެފައެވެ. ބަލި މަންމައަކާއި ތުއްތު ދަރިފުޅު ގޮވައިގެން ފައި ޖައްސާލާނެ ތަންކޮޅެއް ވެސް އެ ތަނުގައި ނެތެވެ. އޭރު ފަޔާ ލޮރީ އައިސް ފަޔާ އެންޑް ރެސްކިއުގެ މީހުންތައް ހަރަކާތްތެރިވާން ފަށައިފިއެވެ. ނަމަވެސް މަންޒަރު ބަލަން އައިސް ތިބި މީހުންނާ ހެދި ފަޔާ ލޮރީއަށް ވެސް އެ ސަރަހައްދާ ކައިރި ކުރެވުނީ ވަރަށް އުނދަގުލުންނެވެ.

އަމިއްލައަށް ގެއިން ނުކުންނަން ޖެހުނު އިރުވެސް އެއްވެސް މުއައްސަސާއެއްގެ އެހީއެއް އަހަރެމެންގެ އާއިލާއަކަށް އޭރު ނުލިބެއެވެ. އެހެންވެ އެންމެ ރައްކާތެރި ގޮތަކީ މާމަ ގެއަށް ދިއުން ކަމަށް އަމިއްލައަށް ވިސްނުނީ އެހިސާބުންނެވެ. ވަރަށް ދުރުން ޓެކްސީ އެއް ހޯދައިގެން މާމަ ގެއަށް ދިޔައިރު، ހާސްވެފައި ހުރި ވަރުން ޓެކްސީގައި ފޯނު ބާއްވާފައި ދެވުނު ކަން ރޭކާލީ ގެއަށް ދެވުނު ފަހުންނެވެ. އެކަމަކު ވަރަށް ތެދުވެރިކަމާ އެކު ޓެކްސީ ޑްރައިވަރު ފަހުން އައިސް ފޯނު ހަވާލުކޮށްދިނެވެ.

އަލިފާނުގެ ހާދިސާގައި އަސަރުކުރި އާއިލާތަކަށް ކާތަކެތި ހަދިޔާކޮށްފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ހާދިސާއަށް ފަހު ގެއަށް ބަދަލުވީ ޖެހިގެން އައި ދުވަހު ހެނދުނެވެ. ރޯވި އިމާރާތްތަކުގެ ފުރަގަހުގައި ހުރި ގެއަކަށޭ ބުނީމައި ފުލުހުން އެ ގެއަށް ވަންނަން ހުއްދަ ދިނެވެ. އެކަމަކު އަދިވެސް އެ ހާދިސާގެ ސަބަބުން ހިތުގައި އަށަގެންފައިވާ ބިރު ފިލައިގެނެއް ނުދެއެވެ. ސައިރަންގެ އަޑު އިވުނަސް ހީވަނީ އަނެއްކާ ރޯވެގެން އުޅެނީ ހެނެވެ. ނޫނީ ވާނުވާ ނޭނގި ގެއްލި ފިހި މަރުވެފައި އޮތް މީހަކު، ނުވަތަ ގަވާއިދާ ހިލާފަށް ފިލައިގެން އުޅޭ ބިދޭސީއެއް ކަހަލަ މީހަކު ފެނުނީ އެވެ. އަލިފާން ރޯވި އިމާރާތްތަކުން ދުން އަރާތަން ފެނުނީމައި އަދި ވަކިން އަހަރެން ބިރުގަނެއެެވެ. އަބަދު އަބަދު އެދިމާލަށް ބެލެނީއެވެ. ހުރިހާ ކަމެއް ރަނގަޅަށްތޯ ހުރީ ބަލަން ބޭނުންވަނީ އެވެ. ޕޮލިސް ވެހިކަލްގެ ލައިޓް އޮރެންޖް ކުލައިން ދިއްލިފައި އޮތީމައި މުޅި ސަރަހައްދު އޮންނަނީ އޮރެންޖްކޮށް ކަމުން އެއީ ވަކިން ބޮޑަށް ޖެހިލުންވާ ކަމެކެވެ.

އެވަގުތަކީ ހައިރާންވާ ވަރަށް މައިވަންތަކަމުގެ ބާރު ފެނުނު. މަންމަ އަށް އަސްލު ރަނގަޅަށް ފިޔަވަޅުވެސް ނޭޅޭ، 2013 ވަނަ އަހަރު ސްޓްރޯކެއް ޖެހިފައި މަސްތަށް ވަރަށް ވަރުދެރަ ވާނެ، ކުރިން ޕެރެލައިޒްވެފައި ހުރީމައާ އެއްކޮށް. ކުރިން ލިފްޓާއި ހަމައަށް ދާން ސިޑީގެ 3 ހަރުފަތަށް ކިރިޔާ މަންމައަށް އެރެނީ، އެކަމަކު އެދުވަހު މަންމަވެސް ހަމަ އެންމެނާއި އެއްވަރަށް ސިޑިން ފޭބި.
'ދަ ޕްރެސް' ގެ ނޫސްވެރިޔާ

ހިސާބުގަނޑުގައި ފުދޭ ވަރަކަށް ގިނަ ގުދަން ހުރެއެވެ. ކުދި ކުދި އެޕާޓްމަންޓް ވަރު ތަންތަނުގައި ވެސް ގުދަން ހަދާފައި ހުންނައިރު، މިހާރު އަބަދު އަބަދު ވިސްނެނީ އެތަންތަނުގައި ރައްކާކޮށްފައި ހުންނާނެ އެއްޗަކާ މެދުއެވެ. ސައިކަލު ސްޕެއާ އަދި ޓަޔަރު އެއްޗެހި ލާފައި ހުންނަ ގުދަނެއް މިގޭ ދޮރުމައްޗަށް ވާ ގޮތަށްވެސް ހުރެއެވެ. ގެއާއި އެ ގުދަނާއި ދޭތެރޭ 7 ފޫޓުގެ ދުރުމިން ވެސް ނުހުންނާނެެވެ. ގެއިން ނިކުމެވެން އޮންނަ ހަމައެކަނި ކޮޅަކީ ވެސް އެއީއެވެ.

މިގޭގައި އުޅެނީ ގިނައިން ބަލި މީހުންނާއި ކުޑަކުދިންނެވެ. އުމުރުން ދޮށީ ދެ މަންމައިންނާއި، ހިތުގެ ބަލި ހުންނަ ދެ މީހުންގެ އިތުރުން އެންޒައިޓީ ހުންނަ 3 މީހުން އަދި ކުޑަކުދިންނެވެ. މި އެޕާޓްމަންޓްގައިި އުޅެނީ 5 މީހުންނެވެ. އެއީ އަހަންނާއި ފިރިމީހާާއި ދަރިފުޅު އަދި ކޮއްކޮ އާއި މަންމައެވެ. މަންމަ އަކީ ސްޓްރޯކެއް ޖެހުމަށް ފަހު ވަރަށް ބަލި މީހެކެވެ. މަތީ އެޕާޓްމަންޓްގައި މައިދައިތައާއި ބަފައިބެ، އަދި ފިރިމީހާގެ ބޭބެއެއް އުޅެއެވެ. މި ހުރިހާ މީހުންނާ މެދު ވަރަށް ވިސްނާ ފިކުރު ކުރެވެއެވެ. އަބަދަކު ފިރިމީހާއާ އޭނާގެ އާއިލާ މީހުންނެއްވެސް ގޭގައި ނުތިބޭނެއެވެ. ވަޒީފާއަށް ވެސް ނިކުންނަން ޖެހޭނެއެވެ. އެކަހަލަ ގަޑިތަކުގައި ކަމެއް ވެއްޖެއްޔާ ވާނެ ގޮތަކާ މެދު ވިސްނާ ފިކުރު ކުރެވެނީއެވެ."

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު / ފޮޓޯ: ދަ ޕްރެސް

ހެންވޭރު ގެއެއްގައި ހުރި ގުދަނެއްގައި ރޯވެ، 6 ގެއަކާއި 4 ގުދަނަކަށް އަލިފާންގަނޑު ފެތުރިގެން ދިޔަ އިރު، މި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. ހާދިސާ ހިނގި ހަލަބޮލި ވަގުތު 'ދަ ޕްރެސް' ގެ ނޫސްވެރިޔާއަށް އެންމެ ފާހަގަ ކޮށްލެވުނީ ތަފާތު ކަމެކެވެ. އަލިފާންގަނޑު ފެތުރެމުން ދިޔައިރުވެސް ގިނަ މީހުން އަތުން ސިނގިރެޓް ދޫކޮށް ނުލައި ކަމަށާއި، ކުޑަކުދިންނާއި މުސްކުޅިން އަދި އެކިކަހަލަ ބަލިތައް ހުންނަ މީހުންވެސް ހިމެނޭ ގޮތަށް މީހުން ގިނަވެ، ފިތި ބާރުވެފައި އޮތް ވަގުތު، ހާސްވެ ނޭވާ ނުލެވިގެން އުޅުނު އިރު ވެސް 'މޫނަށް ބުރާ ސިނގިރެޓް ދުން މަދު ނޫން' ކަމަށް އޭނާ ބުނެއެވެ.

އެ ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެނަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށް ބުނަމުން "ދަ ޕްރެސް" ގެ ނޫސްވެރިޔާ ވަނީ އޭނާގެ ފޯނު ރައްދުކޮށްދިން ޓެކްސީ ޑްރައިވަަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އެތަނުގައި މީހުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވީ މީހުންނާއި، އެތަނުގައި ހަރަކާތްތެރިވީ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރުދުންގެ ތެރެއިން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ މީހުންނާއި، ހެޔޮ ދުއާ ކޮށްދިން ފަރާތްތައްވެސް އޭނާގެ ޝުކުރުގެ ލިސްޓުގައި ފާހަގަކޮށްފައި ވެއެވެ. އަދި އެދުވަހު ދިވެހިންގެ ކިބައިން އެއްބައިވަންތަކަން ފެނިގެން ގޮސްފައިވާ ކަން އޭނާ ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.