ދަރިން ނުލިބިގެން ފަރުވާ ހޯދާ ފިރިހެނުންނަށް ޕްރޮސްޓްރޭޓް ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ދިރާސާގެ ހޯދުންތައް ބުނާ ގޮތުގައި ޕްރޮސްޓްރޭޓް ކެންސަރާ ދަރިއަކު ނުލިބުން ގުޅިފައިވަނީ ޖިންސީ ގުޅުމާއެކު އުފެދޭ ހޯމޯންތަކަކާއެވެ. މީގެ އިތުރުން ވައި ކްރޮމޮޒޯމްގެ ދައުރެއް މިކަމުގައި އޮވެދާނެ ކަމަށް ބެލެވެއެވެ.
ބީއެމްޖޭގައި އާންމުކޮށްފައިވާ ސްވީޑްންގެ ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ 20 އަހަރު ދުވަހުގެ މުއްދަތެއްގައި އުފަންވި 1.2 މިލިއަން ކުދިންގެ މައުލޫމާތު އެއްކޮށްގެންނެވެ.
ދިރާސާގެ ހޯދުންތައް ދައްކާ ގޮތުގައި ދަރިން ނުލިބޭ ފިރިހެނުން ދަރިއަކު ހޯދުމަށް ބޭނުންކުރާ ފަރުވާއެއްގެ ސަބަބުން ޕްރޮސްޓްރޭޓް ކެންސަރަށް މަގުފަހިކުރުވައެވެ. މި ފަރުވާއަކީ ވަކި ދަރިފަންޏެއް ނަގައިގެން އަންހެން މީހާގެ ހަށިގަނޑުން އުފައްދާ ބިހުގެ ތެރެއަށް އެ ދަރިފަނި ފޮނުވާލައިގެން ދޭ ފަރުވާއެކެވެ. މި ފަރުވާ ހޯދާ ފިރިހެނުން ޕްރޮސްޓްރޭޓަށް މަގުފަހިވާ ފުރުސަތު 64 ޕަސެންޓް، އެނޫން މީހުންނަށް ވުރެ އިތުރު ކަމަށް ދިރާސާއިން ދައްކައެވެ. އަދި އުމުރުން 55 އަހަރުވުމުގެ ކުރިން މި ކެންސަރު ޖެހުމުގެ ފުރުސަތު 86 ޕަސެންޓް އިތުރުކަމަށް ވެސް ދައްކައެވެ.
އައިވީއެފް ފަރުވާގެ ތެރެއިން ދަރިއަކު ހޯދުމަށް މަސައްކަތްކުރާ ފިރިހެނުންނަށްވެސް މި ނުރައްކާ އޮވެއެވެ.
މިކަން މެދުވެރިވަނީ ފަރުވާ ދިނުމުގައި ބޭނުންކުރާ އުކުޅެއްގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށާއި، ނަމަވެސް ދަރިއަކު ނުލިބުމާ ޕްރޮސްޓްރޭޓް ކެންސަރާ ގުޅުން އޮންނަ ކަމަކަށް ވެދާނެކަމަށެވެ. ކަމާބެހޭ ތަޖުރިބާކާރުން ލަފާދޭ ގޮތުގައި، މިފަދަ ފަރުވާތަކެއް ބޭނުންކުރާ ފިރިހެނަކުނަމަ ވީ އެންމެ ޒުވާން އުމުރަކުން ފެށިގެން ޕްރޮސްޓްރޭޓް ކެންސަރަށް ޓެސްޓުކުރުން ބުއްދިވެރިވެއެވެ.
ޕްރޮސްޓްރޭޓްއަކީ ފިރިހެނުން ކުޑަކަމުދިއުމަށާއި ދަރިފަނި ބޭރުކުރާ ހޮޅިއާއި ދާދިކައިރީގައި އިންނަ ކުޑަ ގުނަވަނެކެވެ. ބޮޑުމިނުގައި ގާތްގަނޑަކަށް ވޯލްނަޓެއްގެ ސައިޒު ހުންނަ މި މަޑު ގުނަވަނަކީ ދަރިފަނީގައި އެކުލެވޭ ދިޔާ މާއްދާ އުފައްދާ ގުނަވަނެވެ. ޕްރޮސްޓްރޭޓް ކެންސަރަށް މަގުފަހިވަނީ މި ގުނަވަނުގެ ސެލްތައް އާދަޔާ ހިލާފަށް ބޮޑުވާން ފެށުމުންނެވެ. މިގޮތުގައި ގިނަ ދުވަސްތަކެއް ފާއިތުވެއްޖެނަމަ ޓިއުމަރު ކެންސަރަކަށް ބަދަލުވެ، ފެތުރުންވެސް އެކަށީގެންވެއެވެ.