ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ ތެރެއަށް ވައްދަން ސަރުކާރުން ހުޅުވާލި ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް ބައެއް ބިދޭސީން ރޭގަނޑު ކިއު ހަދަމުން ދާތީ އެކަން އެގޮތަށް ނުކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިލްތިމާސްކޮށްފިއެވެ.
ރޭ ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ މާލެއަށް ވެހުނު ބޯ ވާރޭގައިވެސް ބައެއް ބިދޭސީން ކިއު ހަދާފައިވާ މަންޒަރެވެ. އެއާއެކު ބައެއް ފަރާތްތަކުން މިނިސްޓަރު ފައްޔާޒު ޓެގުކޮށް އެނޫން ގޮތެއް އެކަމުގައި ނެތްތޯ ވަނީ ސުވާލު ކުރައްވާފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ހުޅުވާލާފައިވާ ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް ސަރުކާރުން ފަސޭހަގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ހަމަސް ދުވަސް އެބައޮތް ކަމަށާއި އެހެންކަމުން ރޭގަނޑު ދަންވަރު ކިއު ނުހެދުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ މިވަގުތު އިކޮނޮމިކް މިނިސްޓްރީގެ ހުރީ 100 އާއި 150 މީހުންނަށް ހިދުމަތް ދިނުމުގެ ކެޕޭސިޓީ ކަމަށެވެ.
އިއްޔެވެސް ފެނިގެން ދިޔައީ ގިނަ އަދަދެއްގެ ބިދޭސީން ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގްގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓް ދޮރުމަތީގައި ކިއު ހަދާފައިވާ މަންޒަރެވެ. އެ ކިއު ދިގުވެގެން މަގުމައްޗާ ހަމައަށްވެސް އޮތެވެ.
ވަޒީފާ ދޭނެ ފަރާތެއް ލިބި ރެގިއުލަރައިޒް ވާން އެދޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހުށަހަޅާނީ، 'އެކްސްޕެޓް އޮންލައިން ސިސްޓަމް' މެދުވެރިކޮށް ވަޒީފާދޭ ފަރާތުންނެވެ. މިގޮތުން ވަޒީފާދޭ ފަރާތަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރެވޭ ކޯޓާއެއް އޮތް ފަރާތެއް ނަމަ، ވަޒީފާދޭ ފަރާތުގެ އަތުގައި ބޭނުންނުކޮށް ބާކީއޮތް ކޯޓާއަށް ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އެދެވޭނެ އެވެ. އަދި ކޯޓާ ނެތް ފަރާތްތަކުން ވެސް ކޯޓާއަށް އެދޭ ވަގުތު ބިދޭސީން ރެގިއުލަރައިޒް ކުމަށް ހުށަހެޅޭނެއެވެ.
އިމިގްރޭޝަނުން މީގެ ކުރިން ކުރަމުން އައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމަށް ދެވޭ ހުއްދައިގެ މަސައްކަތްތައް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިއަހަރުގެ މާޗް 21 ވަނަ ދުވަހެވެ.