ދުނިޔޭގެ އެކި ހިސާބުތަކުގައި އދއިން ގާއިމުކުރާ ސުލްހަ ބަލަހައްޓާ މިޝަންތަކުގައި މީގެ ފަހުން ސްރީލަންކާގެ އަސްކަރީ ފައުޖުގެ އެއްވެސް މެމްބަރަކު ހަރަކާތްތެރިނުވާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.
އދގެ ސުލްހަ ބަލަހައްޓާ މިޝަންއަށް ހިދުމަތް ކުރުމުގެ ފުރުސަތު ސްރީލަންކާއަށް ގެއްލިފައި މިވަނީ، އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ ބޮޑެތި އިލްޒާމުތަކަކާ ތުހުމަތުތަކެއްގައި ބެދިފައިވާ ކުރީގެ ހަނގުރާމަ މަތީ ލީޑަރެއް ކަމަށްވާ ޝަވޭންދްރާ ސިލްވާއަކީ ސްރީލަންކާގެ އަސްކަރިއްޔާގެ އިސްވެރިޔާ ކަމުގައި ހަމަޖެއްސުމާ ގުޅިގެންނެވެ.
ސްރީލަންކާ އަސްކަރިއްޔާގެ އިސްވެރިޔާ ކަމުގެ މަގާމަށް، އުމުރުން 55 އަހަރުގެ ސިލްވާ ހަމަޖެއްސީ މިދިޔަ އޯގަސްޓްމަހުއެވެ. އެހާ ހިސާބުން ފެށިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ ސްރީލަންކާއަށް އަމާޒުވެފައެވެ. ނަމަވެސް އދގެ ސުލްހަ ބަލަހައްޓާ މިޝަންތަކުން ސްރީލަންކާ އަސްކަރިއްޔާގެ މެމްބަރުން އުނިކޮށް ސަސްޕެންޑްކުރިކަން އދއިން ހާމަކުރީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.
އދގެ ތަރުޖަމާނު ފަރުހާން ހައްގު ވިދާޅުވީ، އަސްކަރިއްޔާގެ އިސްވެރިޔާ ކަމުގެ މަގާމަށް ސިލްވާ ހަމަޖެއްސުމާއެކު ސްރީލަންކާގެ ސަރުކާރަށް އެކަންބޮޑުވުން ހުށަހަޅާފައިވާނެ ކަމަށެވެ. އިންސާނީ ހައްގުތަކުގެ ގާނޫނާ އިންސާނިއްޔަތުގެ ކަމާ ހިލާފު ގިނަ އަމަލުތަކެއް ހިންގިކަމުގެ ސާބިތު ހެކި އެމީހަކާ ދެކޮޅަށް ލިބިފައިވާ މީހަކު އަސްކަރިއްޔާގެ އިސްވެރިޔާ ކަމުގެ މަގާމަށް ސްރީލަންކާއިން ހަމަޖެއްސުމުން އެކަމާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ސްރީލަންކާގެ ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ހައްގުވަނީ ވިދާޅުވެފައެވެ.
ސިލްވާއަކީ ސްރީލަންކާގައި ކުރި 26 އަހަރުވީ ދާހިލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްކޮޅު ތަމަޅަ ޓައިގަރުންނާ ދެކޮޅަށް އަސްކަރިއްޔާއިން ހިންގި ވަރުގަދަ އޮޕަރޭޝަންގައި ހަރަކާތްތެރިވި އަސްކަރީ ލީޑަރެވެ. ތަމަޅަ ޓައިގަރުންގެ މައްޗަށް އަސްކަރިއްޔާއިން ކުރި ހޯދާ، ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައި ނަމަވެސް ހަނގުރާމައިގެ އެންމެ ފަހު ދުވަސްކޮޅު އާންމުންގެ އެތައް ބަޔަކު މަރާލާފައިވާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުންތައް ސިލްވާއަށް ވަނީ އަމާޒުވެފައެވެ.
ސުލްހަ ބަލަހައްޓާ މިޝަންއިން ސްރީލަންކާއަށް ފުރުސަތު ގެއްލުނު މައްސަލާގައި ސްރީލަންކާގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.