ވަކި ކޮޅަކަށް އަގުލަބިއްޔަތު ނުލިބި އިސްރާއީލުގެ އާންމު އިންތިހާބު ވޯޓުލުން ނިމިފައިވަނިކޮށް، އިސްރާއީލުގެ އާ ސަރުކާރު އެކުލަވާލުމުގެ މައްސޫލިއްޔަތު، އިސްރާއީލުގެ ރައީސް ރިއުވެން ރިވްލިން، މިހާރުގެވެސް ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއާ އަނެއްކާވެސް ހަވާލުކޮށްފިއެވެ.

އާ ސަރުކާރު އެކުލަވާލުމުގެ މައްސޫލިއްޔަތު ނަތަންޔާހޫއާއި ހަވާލުކޮށްފައިވަނީ، ނަތަންޔާހޫއާއިއެކު ރައީސް ކުރިއަށްގެންދެވި ބައްދަލުވުމަކަށް ފަހުގައި ކަމަށާ، މި ބައްދަލުވުމުގައި، ނަތަންޔާހޫގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ބެންޖަމީން (ބެނީ) ގަންޓްޒްވެސް ބައިވެރިވި ކަމަށް ޚަބަރު ލިބެއެވެ.

އާ ސަރުކާރު އެކުލަވާލުމުގެ ޒިންމާއާއި ހަވާލުވުމަށްފަހު ނަތަންޔާހޫވަނީ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް އޭނާއާއި ގުޅުމަށް ގަންޓްޒްއަށް ގޮވާލާފައެވެ.

ނަމަވެސް ކޮންމެ ފަދަ ވަގުތެއްގައިވެސް ވެރިކަމުން އަޒުލުކުރެވޭ ވަރުގެ ދައުވާތަކެއް އަމާޒުވާ ލީޑަރަކާއެކު އިއްތިހާދީ ސަރުކާރެއް އެކުލަވާލުމަށް ބޭނުން ނުވާކަމަށް ބުނެ، ގަންޓްޒް ވަނީ ނަތަންޔާހޫގެ ހުށަހެޅުމަށް އިންކާރުކޮށްފައެވެ.

އިސްރާއީލުގައި އާ ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫއަށް ލިބެނީ 28 ދުވަހެއެވެ. ފުރުސަތު އޮވެއްޖެނަމަ އިތުރު 14 ދުވަހަށް މިމުހުލަތު އިތުރުކުރެވެއެވެ. މިވަރުންވެސް އާ ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫ ފެއިލްވެއްޖެނަމަ އެ ޒިންމާ އެހެން މީހަކާ މަތިކުރުމުގެ ބާރު އިސްރާއީލުގެ ރައީސަށް ލިބިގެންވެއެވެ.

ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އިސްރާއީލުގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބަކީ މިއަހަރު ތެރޭގައި އިސްރާއީލުން ކުރިއަށްގެންދިޔަ އެފަދަ 2 ވަނަ އިންތިހާބެވެ. މިއަހަރުގެ ކުރީ ކޮޅު އާންމު އިންތިހާބުގައިވެސް އެއްވެސް ބަޔަކަށް އަގުލަބިއްޔަތު ނުލިބި، އާ ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫ ފެއިލްވި ހިސާބުން، އާ އިންތިހާބަކަށް ގޮވާލާފައިވާއިރު، މިފަހަރު އެހެން ވިޔަ ނުދިނުމަށް ރައީސް ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ކަމުގެ މަގާމު އިތުރު ދައުރަކަށް ކަށަވަރުކުރެވިއްޖެނަމަ ހުޅަނގު އައްސޭރީގެ އުރުދުން ވާދީ ސަރަހައްދުވެސް އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށް ނަތަންޔާހޫ ވައުދުވެފައިވާއިރު، އިސްރާއީލުގެ އަރަބި އާބާދީތަކުން ވަނީ ނަތަންޔާހޫ ބޭރު ކުރުމަށްޓަކައި ގަންޓްޒްއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. މިދަނޑިވަޅަކީ ކޮރަޕްޝަންގެ ބޮޑެތި ދައުވާތަކެއް ނަތަންޔާހޫގެ ދެމަފިރިންގެ މައްޗަށް ކުރަމުންދާ ދަނޑިވަޅަކަށްވާއިރު، ހަމަ ކޮންމެ ފަދަ ވަގުތެއްގައިވެސް ނަތަންޔާހޫގެ މައްޗަށް ކުށް ސާބިތުވެ، މަގާމު ގެއްލުމުގެ ފުރުސަތުވެސް އެބައޮތެވެ.