މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށްވެސް އެޅިފައި ނުވާކަން ފާހަގަކުރައްވާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އދގެ މިހާރު ކުރިއަށްދާ މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރުކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ފާއިތުވި 30 އަހަރު ރާއްޖެއިން ވަކާލާތުކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޤައުމުތައް ނެތިދިއުމުގެ ބިރު އޮތް މިންވަރު ބޮޑުކަމުން ކަމަށެވެ.

ސްމާޓް ރެސިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، އދ ގެ ކްލައިމެޓް އެކްޝަން ސަމިޓްގައި ހުށައަޅުއްވާފައިވާ ރާއްޖޭގެ "މޯލްޑިވްސް ސްމާޓް ރެސިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް" މޮޑެލަކީ މޫސުމީ ބަދަލުތަކުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކާރިސާއިން އަރައިގަތުމަށް ރާއްޖެއިން އިސްނަގައިގެން ކުރާ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި މަސައްކަތެއްކަން ހާމަކުރައްވާފައެވެ.

އަދި، ދިވެހިރާއްޖޭގެ މި މޮޑެލަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޙާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަމަށާއި، މި މޮޑެލަކީ ޤުދުރަތީ ހައްލުތަކަށް ބާރުއަޅައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އީޖާދީ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ގެ ކުރިން މުޅިން ހުއްޓާލުމުގެ މަސައްކަތް ދިވެހިރާއްޖެއިން މިހާރު ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕްލާސްޓިކުގެ މައްސަލައަކީ މިއަދު ދިވެހިރާއްޖެއަށް ބޮޑުވެފައިވާ މައްސަލައެކެވެ. ޕްލާސްޓިކުގެ ސަބަބުން ދިވެހިރާއްޖޭގެ ބޮޑު ބައެއް ހިއްސާކުރާ ކަނޑުގެ ދިރުންތަކަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން މަސްވެރިކަމާ ފަރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، ދިވެހި އާއިލާތަކުގެ ދިރިއުޅުމަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވުން އޮތީ ދުރަކު ނޫނެވެ.