ޕާކިސްތާނަކީ ޓެރަރިޒަމަށް ހިތްވަރުދީ، ދައުލަތުގެ ސިޔާސަތެއްގެ ގޮތުގައި ޓެރަރިޒަމް ބޭނުންކުރަމުން ދާ "ޓެރަރިސްތާނު" ކަމަށާ، އެފަދަ ގައުމަކާ މަޝްވަރާކުރެވެން ނެތްކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދގެ އާންމު ޖަލްސާގެ ހަވާސާގައި ކުރިއަށްދިޔަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ޕާކިސްތާނުން އަމިއްލައަށް އުފެއްދި މޮޑެލްއަކީ މިހާރު މަސައްކަތްކުރާ މޮޑެލްއެއް ނޫންކަން އެގައުމުން ގަބޫލުކުރަންޖެހޭނެ ކަމަށެވެ. އަދަކީ ދައުލަތް ހިންގުމުގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ އާލާތެއްގެ ގޮތުގައި ޓެރަރިޒަމްގެ ސިޔާސަތު ބޭނުން ކުރެވޭނެ ޒަމާނެއް ނޫންކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ޕާކިސްތާނާއެކު މަޝްވަރާތަކަށް ދިއުމުގައި އިންޑިއާއަށް މައްސަލައެއް ނެތް ކަމަށާ، ނަމަވެސް "ޓެރަރިސްތާނާ"އެކު މަޝްވަރާކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

ޕާކިސްތާނުގެ ރައްޔިތުން ތިބީ ކަޝްމީރުގެ ރަށްވެހިންނާ އެކުގައިކަން އަންގައިދިނުމަށް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިސް ކައިރީގައި ކުރިއަށް ގެންދިޔަ އެއްވުމެއް/ފޮޓޯ: އައްސަދު ހާޝިމް

ޖައްމުއާއި ކަޝްމީރުގެ މިނިވަންކަމާ ގުޅިފައިވާ މާއްދާ 370 ގާނޫނު އަސާސީއިން އުވާލުމަށް އިންޑިއާއިން ނިންމި ނިންމުމަށް ޕާކިސްތާނުން ދިން އިޖާބައަކީ ނަފްރަތާ ރުޅިވެރިކަމުން ފުރިފައިވާ އިޖާބައެއް ކަމަށާ، އެކަން އެހެން ދިމާވީ، ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް ޕާކިސްތާނުން ޓެރަރިޒަމްގެ ސިނާއަތެއް އުފައްދާފައި އޮތުމުން ކަމަށްވެސް ޖައިޝަންކަރު ވަނީ ތުހުމަތުކުރައްވާފައެވެ. މިކަން ހަމައެކަނި ކަޝްމީރާ ހިސާބުން ނިމެން ނެތް ކަމަށާ، ޕާކިސްތާނުން އެ ސިނާއަތް އުފެއްދީ މުޅި އިންޑިއާއާއި ދެކޮޅަށް ކަމަށް ތުހުމަތު ކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިންޑިއާގެ ހާރިޖީ ވަޒީރު ވިދާޅުވީ، މި ސިޔާސަތު ކާމިޔާބުވެއްޖެނަމަ 70 އަހަރުވީ އިންވެސްޓްމަންޓެއްގެ ގޮތުގައި ޕާކިސްތާނުން އެކަން ދެކޭނެ ކަމަށެވެ.

ޖައްމުއާއި ކަޝްމީރުގެ މާއްދާ 370 އުވާލި މައްސަލާގައި ޕާކިސްތާނުން ދަނީ އިންޑިއާގެ މައި ސަރުކާރު ބަދުނާމުވާ ގޮތަށް ބައިނަލްއަގުވާމީ ސަމާލުކަން އެކަމަށް ހުއްޓުވާލުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެކަން ކުރުމަށް ޕާކިސްތާނުން އަދި ދަނީ ފެއިލްވަމުންނެވެ.

ޖައްމުއާއި ކަޝްމީރު ސްޓޭޓަށް ބާރު ލިބިދޭ މާއްދާ 370 އުވާލުމަށް އިންޑިއާ ސަރުކާރުން ނިންމުމުން ޕާކިސްތާނުގައި މުޒާހަރާ ކުރަނީ/ފޮޓޯ: އަޚުތަރު ސޫމްރޫ

އިންޑިއާއާއިއެކު ގާތް އަވަށްޓެރި ގުޅުމެއް ދެމެހެއްޓުމަށްޓަކައި ޕާކިސްތާނުން އެގައުމުގެ ފައިދާއަށް ކަންތައްތަކެއް ކުރަންޖެހޭކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތީ ކަޝްމީރުގެ މައްސަލަ އެކަނި ނޫންކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ޖައިޝަންކަރު ވަނީ މުމްބާއީ ހަމަލާއަށް ރިއާޔަތްކުރައްވާފައެވެ. އެގޮތުން މުމްބާއީއަކީ ކަޝްމީރުގެ ބަޔަކަށް ނުވާއިރު ޕާކިސްތާނުގެ ޓެރަރިސްޓުން މުމްބާއީއަށް ހަމަލާދިނުމުން، މިކަމުގައި ބޮޑު މައްސަލައެއް އެބައުޅޭކަން އަންގައިދޭ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިންޑިއާގެ ހާރިޖީ ވަޒީރު ވިދާޅުވީ މައްސަލައަކީ ވިސްނުމުގައި އުޅޭ މައްސަލައެއް ކަމަށެވެ. ޕާކިސްތާނުގެ ސަރުކާރުތައް ބަދަލުވެ، އާ ސަރުކާރެއް އައިސް، ކުރީގެ ސަރުކާރާ ގުޅުމެއް ނެތް ކަމަށް ބުނާއިރު ހުރިހާ ސަރުކާރަކުންވެސް ކުރަންޖެހިފައި އޮތް ކަމަކީ ޓެރަރިޒަމްއާއި ދުރަށް ދިއުން ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. ޓެރަރިޒަމްގެ ކޭމްޕުތައް ހުރިހާ ސަރުކާރަކަށްވެސް އެނގޭ ކަމަށް ޖައިޝަންކަރު ވަނީ ތުހުމަތުކުރައްވާފައެވެ.

މިދަނޑިވަޅަކީ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ހީނަރުވެ، ހަނގުރާމައެއްގެ ތުންފަތް މަތީގައި އޮތް ދަނޑިވަޅެކެވެ.