އަދާޔާ ހިލާފަށް ފަލަވެގެން ދިއުން (އޮބީސިޓީ)އަކީ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް ނޫންކަމަށާ، އެފަދަ ފަރާތްތައް ލަދުގަންނަވާ ފުރައްސާރަކުރުމަކީ އެމީހުންގެ ނަފްސާ މެދު އިތުރު ތަކުލީފުތަކެއް އުފުލަން މަޖުބޫރުކުރުވާ ކަމެއް ކަމަށް ތަޖުރިބާކާރު އިސް ސައިކޮލޮޖިސްޓުންތަކެއް އިއްތިފާގު ވެއްޖެއެވެ.

ތަޖުރިބާކާރު ސައިކޮލޮޖިސްޓުން އެކުވެގެން އާންމުކުރި ރިޕޯޓް ބުނާ ގޮތުގައި އާދަޔާ ހިލާފަ ބަރުވެ ފަލަވާ މީހުންނަށް މުހާތަބު ކުރުމުގައި މުޖުތަމައުގައި ބޭނުންކުރާ ބަސްމަގަށްވެސް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ވަނީ ގޮވާލާފައެވެ. އެގޮތުން އެމީހަކީ އާދަޔާ ހިލާފަށް ފަލަ ނުވަތަ އޮބީސް މީހެކޭ ބުނެ އޭނާގެ ގައިގައި އޮބީސިޓީގެ ސިއްކަ ޖެހުމުގެ ބަދަލުގައި އޭނާއަކީ އާދަޔާ ހިލާފަށް ފަލަވުން ނުވަތަ އޮބީސިޓީގެ ތަކުލީފުތައް އުފުލާ މީހެކޭ ބުނުން ފަދަ މޭރުމަކަށް ބަސްމަގު ބަދަލުކުރުމަށް ސައިކޮލޮޖިސްޓުން އިރުޝާދުދެއެވެ.

މީގެ އިތުރުން އާދަޔާ ހިލާފަށް ހަށިގަނޑު ފަލަވެފައިވާ މީހުންގެ ހަށިގަނޑު ހަމަ މިންގަނޑަށް ގެނައުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އިރުޝާދު ދިނުމުގައިވެސް މިހާރަށްވުރެ އޯގާތެރިކަމާއެކު ހިތްވަރުދެނިވި މޭރުމަކުން ވާހަކަދެއްކުމަށްވެސް މި ރިޕޯޓް ބާރުއަޅައެވެ.

މީހުން އާދަޔާ ހިލާފަށް ފަލަވެ ބަރުހެލިވަނީ އެނޫން ގޮތަކަށް ބަދަލުވުމުގެ އަޒުމު ނެތިގެން ނޫންކަންވެސް މި ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

ސްޓްރެސްއާއި ޓްރޯމާ

ދިރާސާ ބުނާ ގޮތުގައި އާދަޔާ ހިލާފަށް ފަލަވެގެން ސިއްހީ ގޮތުން ނޭދެވޭ ބަރުހެލިކަމެއްގެ ތެރޭގައި އާންމުކޮށް އުޅެނީ، ޖެނެޓިކްސްގެ ގޮތުންވެސް އޮބީސިޓީގެ ނުރައްކާ އޮންނަ މީހުންނެވެ. ދެން ތިބެނީ ސްކޫލާ މަސައްކަތުގެ މާހައުލުގެ އިތުރުން އިޖުތިމާއީ ވެށީ ބިނާވެފައި އޮންނަ ގޮތުން އޮބީސިޓީއަށް ދާ މީހުންނެވެ.

ކަންމިހެން އޮތްއިރު ހަޔާތުގެ އެކި ހިސާބުތަކުގައި ތަކުރާރުކޮށް ބޮޑެތި ހިތާމަތަކާ ކާރިސާތަކާ ކުރިމަތިވެ އިންތިހާ ހިތްދަތިކަމުގައި އުޅެންޖެހިފައިވާ މީހުންނަކީވެސް އާންމު ގޮތެއްގައި އޮބީސިޓީއަށް ހުށަހެޅިގެންދާ ބައެއްކަން ދިރާސާ ބުނެއެވެ. އަދި މިފަދަ ފަރާތްތަކަށް ދިރިއުޅެން ޖެހިފައިވާ ވެއްޓަކީވެސް ޖިސްމާނީ ހެލިފެލިވުމާ ދުޅަހެޔޮ ދިރިއުޅުމަކަށް ތަންދޭ ވެއްޓެއް ނޫންކަންވެސް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ދިރާސާގެ ބައެއް ހޯދުންތަކަށް ބަލާއިރު އޮބީސިޓީގެ ތަކުލީފުތައް އުފުލަމުންދާ ގިނަ މީޙުންނަކީ ޅައުމުރުގައި ނަފްސާނީ ބަލީގެ ވޭން ތަހައްމަލުކުރި މީހުންނެވެ. މީގެ އިތުރުން ޅައުމުރުގައި ފަލަކޮށް ހުރުމުން މީހުންގެ ފަރާތުން ކުރިމަތިލާންޖެހުނު ފުރައްސާރައާއި މަލާމަތަކީވެސް އޮބީސިޓީއަށް މަގުފަހިކުރުވި ކަމެއްކަން މި ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.

މިއާއެކު ފައިދާހުރި ދުޅަހެޔޮ ކާނާ، އެކަށީގެންވާ ގޮތެއްގައި ލިބެން ނެތުމަކީވެސް މިކަމަށް މަގުފަހިކުރުވާ ކަމެއްކަމަށް ސައިކޮލޮޖިސްޓުން ބުނެއެވެ.

ސިނގިރޭޓް ހުއްޓުވުމަށް ކުރާ މަސައްކަތުން ފިލާވަޅު ލިބިގަތުން

ނަފްސާނީ އިލްމުގެ ތަޖުރިބާ ލިބިފައިވާ މޭސްތިރިން އެކުލަވާލި މި ރިޕޯޓް ބުނާ ގޮތުގައި، އޮބީސިޓީއާއި ދެކޮޅަށް ގައުމުތަކުގެ ސަރުކާރުން މަސައްކަތްކުރަންވީ ސިނގިރޭޓު ހުއްޓުވުމަށް ކުރި މަސައްކަތުން އިބުރަތް ހާސިލުކޮށްގެންނެވެ. ހުރިހާ ފަންތިއެއްގައި އެތައް އަހަރަކަށް ދެމިގެންދާ މަސައްކަތްތަކެއް މިކަމުގައި ކުރަންޖެހެއެވެ.

ސިނގިރޭޓު ހުއްޓުވުމަށް އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާ ފެންނަމުންދަނީ އަދިކިރިއާކަމުން، އާދަޔާ ހިލާފަށް ފަލަވެދިއުމާވެސް ކުރިމަތިލާންވީ މިކަމުން އިބުރަތް ހާސިލުކޮށްގެން ކަމަށް ސައިކޮލޮޖިސްޓުން ބުނެއެވެ.

އޮބީސިޓީއަކީ ބައްޔެއް ނޫން

ކަންމިހެން އޮތް ނަމަވެސް، އޮބީސިޓީއަކީ ބައްޔެއްގެ ގޮތުގައި ކަނޑައެޅުމަށް ސައިކޮލޮޖިސްޓުން ދެކޮޅެވެ. ބައްޔެއް ކަމުގައި މިކަން ކަނޑައެޅުމަކީ، އޮބީސިޓީގެ ތަކުލީފުތައް އުފުލަމުންދާ މީހުން އެކަމުން އަރައިގަތުމަށް އޮތް ހިތްވަރު މުގުރާލުން ކަމަށް ސައިކޮލޮޖިސްޓުން ގަބޫލުކުރެއެވެ.