ޕާކިސްތާނުގެ އިރުމަތީ ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމެއްގައި 19 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ރެކްޓާ މިންގަނޑުން 5.8 ބާރު މިނުގައި އައި ބިންހެލުން އުފެދުނު ސަރަހައްދު ނުވަތަ އެޕިސެންޓާ ފާހަގަކުރެވިފައި ވަނީ ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅީގައި އޮންނަ މަރިޕޫރު ޑިސްޓްރިކްޓާއި ދާދި ކައިރިންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ މަންޒަރުތަކަށް ބަލާއިރު މިސަރަހައްދުގެ މައި މަގުގައި ވަނީ ބޮޑު ވަޅުގަނޑެއް ހެދިފައެވެ. އަދި ގެތަކަށް ވެސް ވަނީ ގެއްލުންވެފައެވެ. މި ބިންހެލުމުގައި ލިބުނު ގެއްލުމުގެ ފުރިހަމަ ރިޕޯޓެއް އަދި ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ ހާލުގައި ޖެހިފައިވާ ސަރަހައްދަށް ވައިގެ މަގުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި، ސިއްހީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ޕާކިސްތާނުގެ ޗީފް މީޓިއޮރޮލޮޖިސްޓް މުޙައްމަދު ރިޔާޒު ވިދާޅުވީ ބިން ހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިން ކަމަށާއި، މިއީ މަރީޕޫރުގެ ތާރީހު ދުށް އެންމެ ވަރުގަދަ ބިންހެލުން ކަމަށެވެ. މިހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބިންހެލުމުގެ ލޮޅުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާއި، އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވެސް ކުރެވިފައިވާކަމަށް ޚަބަރު ލިބެއެވެ.