އިންޓަނެޓްގައި ވައިރަލް ވަމުންދާ ފޮޓޯތަކަށް ބަލާއިރު ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެންމެ އާދަޔާ ހިލާފު އެއް ތަސްވީރަކީ އިންޑޮނޭޝިއާގެ މީހަކު އާންމު ކޮށްފައިވާ ރަތްކަން ގަދަ ތަސްވީރެކެވެ.

ޖާމްބީ ޕްރޮވިންސްގެ އާންމު ރައްޔިތަކު އިންޓަނެޓްގައި އާންމުކުރި ފޮޓޯއިން ފެނިގެންދަނީ އޭނާ ދިރިއުޅޭ ސަރަހައްދުގެ އުޑުމައްޗާ ވެށި ރަތްކުލައަކަށް ބަދަލުވެފައިވާ މަންޒަރެވެ. އަދި އޭނާގެ ލޮލާ ކަރުގައި އިންތިހާއަށް ރިއްސާކަމަށް އޭނާ ބުނެފައިވެއެވެ.

މިއީ މިއަދު އޮންޑޮނޭޝިއާއާއި އަވަށްޓެރި ގައުމުތަކަށް ބޮޑުވެފައިވާ މައްސަލައެކެވެ. މިކަން މެދުވެރިވަނީ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި އަނދަމުންދާ ގަދަ އަލިފާންގަނޑުތަކުގެ ސަބަބުންނެވެ.

އުމުރުން 21 އަހަރުގެ އީކާ ވުލަންދާރީ ފޭސްބުކްގައި އާންމުކޮށްފައިވަނީ ފޭކު ފޮޓޯތަކެއް ނޫންކަމަށް އޭނާ ވަކާލާތު ކުރެއެވެ. ފޮޓޯ ނެގި ދުވަހަކީ ވިހަ ދުމުގެ އަސަރު އިންތިހާއަށް ގަދަވި ދުވަހެއް ކަމަށް އޭނާ ބުނެއެވެ. މިއާއެކު ގިނަ ބަޔަކު ވަނީ އިންޑޮނޭޝިއާއިން ހަމަ މިފަދަ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ޖަންގަލިތަކުގައި ރޯކުރަމުގެ ސަބަބުން ވިހަ ދުމުން ފުރިފައިވާ އިންޑޮނޭޝިއާގެ ޕްރޮވިންސެއް/ފޮޓޯ: އީކާ ވުލަންދާރީ

މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި އުޑުމައްޗާ ޖައްވުތެރެއަށް ރަތްކުލަ އަރަމުންދަނީ ރޭލޭއި ސްކެޓަރިންގް ފެނޯމިނަންގެ ސަބަބުންނެވެ. މިކަން މެދުވެރިވަނީ ވިހަ ދުންގަނޑުގެ ތެރޭގައި އެކުލެވޭ ކުދި ޕާޓިކަލްތަކެއްގެ ސަބަބުން ކަމަށާ، މި ޕާޓިކަލްތަކުގެ ސަބަބުން ނޫކުލައިގެ އައްޔަށްވުރެ ބޮޑަށް ރަތް އަލި ރިފްލެކްޓްކުރާކަމަށް ތަޖުރިބާކާރުން ބުނެއެވެ. ފޮޓޯ ނަގާފައިވަނީ މެންދުރުގެ ވަގުތުގައި ކަމަށް ވަނީ ނަމަ ފޮޓޯގެ ރަތްކަން ގަދަވާނެ ކަމަށްވެއެވެ.

އިންޑިނޭޝިއާގެ ޖަންގަލިތަކުގައި އަނދަމުންދަ އަލިފާންގަނޑުތަކާ އަރަމުންދާ ވިހަ ދުމުގެ އަސަރު އިރުމަތީ އޭޝިއާގެ ބޮޑު ސަރަހައްދަކަށް ދަނީ ކުރަމުންނެވެ. ޖަންގަލިތަކުގައި ރޯކޮށްގެން ބިންސާފުކޮށް ދަނޑުވެރިކަން ކުރުމަކީ އިންޑޮނޭޝިއާގައި މަނާކަމެއް ނަމަވެސް، އެކަށީގެންވާގޮތެއްގައި މިކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރެވެމަކުން ނުދެއެވެ.