2020 ވަނަ އަހަރުގެ މާޗް މަސް އަންނަންވާއިރަށް އިންޑިއާގެ ދައުލަތުން ހިންގާ ދެތިން ކުންފުންޏެއް ވިއްކާލާނެ ކަމަށް އިންޑިއާގެ މާލީ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ގާތްގަނޑަކަށް 8.5 ބިލިއަން ޑޮލަރަށް ވިއްކާލާ ކުންފުނިތަކުގެ ތެރޭގައި އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާއާއި ބްހާރަތު ޕެޓްރޯލިއަމްވެސް ހިމެނޭކަމަށް، މީޑިއާގައި ނަންނާ ހާމަ ނުކުރުމަށް އެދި ވާހަކަދެއްކެވި މާލީ ވުޒާރާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

މާލީ ގޮތުން އިނދަޖެހިފައިވާ މި ކުންފުނިތައް ވިއްކާލަނީ އިންޑިއާގެ ކުންފުނިތަކަކަށް ކަމެއް ނުވަތަ ބިދޭސީ ކުންފުނިތަކަކަށް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އިންޑިއާގެ ދައުލަތުން ހިންގާ އެހެން ކުންފުންޏަކުން މި ކުންފުނިތައް ނުގަންނާނެ ކަމަށް މާލީ ވުޒާރާގެ އޮފިޝަލު ވިދާޅުވިއެވެ. އެހެނީ ޕްރައިވަޓައިޒޭޝަންގެ ނަމުގައި ދައުލަތުގެ ކުންފުންޏަކުން ދައުލަތުގެ ކުންފުންޏެއް ގަތުމަކީ، ބޮޑުވަޒީރު ނަރޭންދްރާ މޯދީ ރުހިވަޑައިގަންނަވާ ކަމެއް ނޫންކަން މާލީ ވުޒާރާގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.