ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަންވެފައި ވަނީ ރާއްޖެއާއި އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ޤައުމުތަކާއި އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ކަމަށް ދިވެހިރާއްޖޭގެ ރައީސުލުމްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައި މިވަނީ، މިހާރު ކުރިއަށްދާ އދގެ 74 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އދގެ އާންމު މަޖިލީހުގެ ހަވާސާގައި މޯދީއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި 4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ.) އަކީ ރާއްޖެއާ އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އިތުރު ޤައުމުތަކުގެ މެދުގައި އޮތް އެކުވެރި ބަދަހި ގުޅުން ހާމަވެގެންދިޔަ ބައްދަލުވުމެއް ކަމަށެވެ.

އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއާއި އިންޑިއާ އެއްބަސްވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މީގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށި ދެ ޤައުމުގެ ބަދަހި ގުޅުމުގެ ފައިދާ ދިވެހިންނަށް ކުރަން ފަށާފައިވާކަމަށެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި، ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ "ކްލައިމެޓް އެކްޝަން ސަމިޓް"ގައި އިންޑިއާއިން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވާ، ރައީސް ސޯލިހު ވަނީ އެކަމަށްވެސް މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ވަނީ، ރާއްޖޭގެ ވެރިކަމާ ރައީސް ސޯލިހު ހަވާލުވެވަޑައިގެންނެވި ފަހުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި އައި.އޯ.ސީ.ގެ ބައްދަލުވުމުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވާ، މޯދީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަލާމް ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާ، އދގެ އާންމު ޖަލްސާއަކީ މިކަން ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރުވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ން އިތުރަށް ދަމަހައްޓާ، މި ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރެއްވުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.