އަދަކީ ދުނިޔޭގެ ސިޔާސީ ތާރީހުން ހާއްސަ ޖާގައެއް ހޯދި ދުވަހެއްކަމަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ކުރީގެ ލީޑަރު އަދި މިހާރުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައިވެސް ހިމެނިވަޑައިގަންނަވާ އަމީތު ޝާހް ވިދާޅުވެއްޖެއެވެ.
އަމީތު ޝާހް މިފަދަ މެރުމަކުން ވާހަކަފުޅު ދައްކަވާފައ މިވަނީ، އެމެރިކާގައި ދިރިއުޅޭ އިންޑިއާ ނަސްލުގެ މީހުންނާ ބައްދަލުކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ބައިވެރިވެވަޑައިގެން ކުރިއަށް ގެންދެވި "ހައުޑީ މޯދީ" އިވެންޓް ކުރިއަށްދިޔަ ދުވަހަށް އިޝާރާތްކުރައްވަމުންނެވެ.
މި އިވެންޓަށް ރިއާޔަތްކުރައްވާ ޓްވީޓްކުރައްވަމުން އަމީތު ޝާހް ވިދާޅުވީ، މުޅި ދުނިޔެއަށްވެސް މޯދީގެ މަގުބޫލުކަން ފެތުރިގެން ހިނގައްޖެ ކަމަށާ، ހައުޑި މޯދީ އިވެންޓަކީ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ވެރިކަމުގައި އިންޑިއާގެ ބާރުވެރިކަން ރަމްޒުކޮށްދޭ ހެއްކެއް ކަމަށެވެ.
އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދގެ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް މިހާރު ކުރައްވަމުންދާ ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި، އެންއާރްޖީ ސްޓޭޑިއަމްގައި، މޯދީގެ ޝަރަފުގައި ކުރިއަށްގެންދިޔަ 'ހައުޑީ މޯދީ' އިވެންޓްގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މި އިވެންޓަކީ މީގެ ކުރިން ބޭއްވި ވަރުގެ އިވެންޓެއް ނޫންކަމަށް އަމީތު ޝާހް ވަނީ ސިފަކުރައްވާފައެވެ.
މޯދީއާއި ޓްރަމްޕްގެ ހާއްސާ ބައްދަލުވުން
'ހައުޑީ މޯދީ' އިވެންޓުގެ އެންމެ ހާއްސަ އެއް ނަމްބަރަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި މޯދީގެ ހާއްސަ ބައްދަލުކުރެއްވުމެވެ. އަމީތު ޝާހް ސިފަކުރެއްވި ގޮތުގައި މި ބައްދަލުކުރެއްވުމަކީ، ދުނިޔޭގެ އެންމެ ވަރުގަދަ 2 ޑިމޮކްރަސީގެ ލީޑަރުންގެ ހާއްސަ ބައްދަލުކުރެއްވުމެކެވެ. އަދި މިއީވެސް މީގެ ކުރިން ފެނިފައި ނުވާ ވަރުގެ ވަރުގަދަ ބައްދަލުކުރެއްވުމަށް ކަމަށް އަމީތު ޝާހް ވަނީ ސިފަކުރައްވާފައެވެ.
މިކަމުންވެސް ދޭހަކޮށްދެނީ، އިންޑިއާގެ ސަލާމަތާ ރައްކާތެރިކަމާ، ގުޅުންތައް ދެމެހެއްޓުމަކަށްޓަކައި އިންޑިއާއިން ނުފުރޮޅާނެ އެންމެ ގާ ކޮޅެއްވެސް ނުބާއްވާނެ ކަން ކަމަށް އަމީތު ޝާހް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ ކީކޭ
ޓެކްސަސްގައި ކުރިއަށްދިޔަ 'ހައުޑީ މޯދީ' އިވެންޓްގައި ބައިވެރިވެވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ، "އިންޑިއާ ދެކެ އެމެރިކާއިން ލޯބިވާ" ކަމަށެވެ.
މީގެ އިތުރުން އިވެންޓް ތެރޭގައިވެސް ޓްރަމްޕް ވަނީ އިންޑިއާއަށް ތައުރީފުކުރައްވާފައެވެ. އެގޮތުން އެމެރިކާއަށްޓަކައި އިންޑިއާގެ ރައްޔިތުން ކޮށްދެމުންދާ މަސައްކަތްތަކަށް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާގެ ރައްޔިތުން އެމެރިކާގައި ދިރިއުޅެމުންދާތީ އެކަމާ ފަހްރުވެރިވެވަޑައިގަންނަވާކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އިވެންޓްގައި ބައިވެރިވަމުންދިޔަ އިންޑިއާ ދަރިކޮޅުގެ 50000 އެއްހާ އެމެރިކާ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ޓްރަމްޕް ވަނީ، އިންޑިއާއާއި އެމެރިކާގެ ގުޅުން ދުވަހަކުވެސް ނުވާހާ ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.
ޓެރަރިޒަމްގެ މައްސަލަ
އިންޑިއާއާއި އެމެރިކާއާއި ދެމެދު ދިފާއީ ރޮނގުން އެއްބަސްވުންތަކެއް އެކުލަވާލެވިގެންދާކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ.
ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރުގެ ހަނގުރާމަވެރިންނާ ކުރިމަތިލައްވާނެކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ 3 ފަރާތް ބައިވެރިވާ އަސްކަރީ ހާއްސަ ތަމްރީނުތަކެއް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށިގެންދާނެކަން އިއުލާން ކުރައްވާފައެވެ.
ޓްރަމްޕްގެ ތައުރީފު މޯދީއަށް
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ މޯދީގެ ސަރުކާރަށް ތައުރީފުކުރައްވާފައެވެ. މޯދީގެ ވެރިކަމުގައި އިންޑިއާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މޯދީގެ ވެރިކަމުގައި، އިންތިހާއަށް ގޮސްފައިވާ ފަގީރުކަމުގެ ތެރެއިން 3 މިލިއަނެއްހާ މީހުން އިންޑިއާއިން ސަލާމަތްކުރެވިފައިވާކަމަށެވެ.
މޯދީ ވިދާޅުވީ ކީކޭ؟
'ހައުޑީ މޯދީ' އިވެންޓްގެ ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ "ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް" 8 ބަހަކުން ވިދާޅުވެ ގިނަ ބަޔަކު ސިއްސުވާލާފައެވެ. 'ހައުޑީ މޯދީ' ނުވަތަ "ހާލު ކިހިނެއް މޯދީ' މިސުވާލަށް ޖަވާބު ދާރީވެވަޑައިގެން މޯދީ ވާހަކަފުޅުދެއްކެވި ބައެއް ބަސްތަކުގެ ތެރޭގައި ޕަންޖާބީ، ގުޖުރާތީ އަދި ބެންގޯލީ ބާސް ފާހަގަކުރެވެއެވެ.
ރައްޔިތުންގެ ލީޑަރުގެ ގޮތުގައި ބީޖޭޕީއިން ސިފަކުރަމުން އަންނަ މޯދީ ވަނީ، ތަފާތު އެކި ކަންކަމާ ބެހޭ ގޮތުން 'ހައުޑީ މޯދީ' އިވެންޓްގެ ޖަލީސުންނާ މުހާތަބުކުރައްވާފައެވެ. އެގޮތުން އިންޑިއާއިން ކޮރަޕްޝަނަށް އަލްވަދާއު ކިޔަމުންދާކަން މޯދީ ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާއަކީ 5 ޓްރިލިއަން ޑޮލަރުގެ އަގުހުރި އިގުތިސޯދެއް އޮތް ގައުމަކަށް ހެދުމަށް އަދުގެ ސަރުކާރުން ހިފާފައިވާ އަޒުމު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ ބޭރުގެ އިންވެސްޓަރުންގެ ތާއީދު އިންޑިއާއަށް ހޯއްދެވުމަށްވެސް މަސައްކަތްޕުޅުކުރައްވާފައެވެ.