ހިނގަމުން މިދާ 2019 އަހަރުގެ ނިޔަލަށް ނިމޭ 5 އަހަރު ދުވަހަކީ ދުނިޔޭގެ ރެކޯޑްކުރެވިފައިވާ ތާރީހު ދުށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް އދއިން ބުނެފިއެވެ.
ދުނިޔޭގެ މޫސުމާ ބެހޭ އިސް އިދާރާތަކުން 'ޔުނައިޓަޑް އިން ސައިންސް'ގެ ނަމުގައި އެކުލަވާފައިވާ އދގެ ދިރާސާ ރިޕޯޓް ބުނާ ގޮތުގައި، 2015 އަހަރާ 2019 ވަނަ އަހަރާ ދެމެދު ފާއިތުވެގެންދާ ދުވަސްވަރަކީ، ދުނިޔޭގެ އެވަރޭޖު ފިނި ހޫނުމިން އެންމެ މަތީ މިންވަރަކަށް ރެކޯޑްކުރެވޭ 5 އަހަރު ދުވަހުގެ މުއްދަތެވެ.
ދުނިޔޭގެ ސިނާއީ ދުވަސްވަރުގެ (1850-1900މ) ކުރިއާ އަޅާ ބަލާއިރު 1.1 ޑިގްރީ ސެލްސިއަސް މައްޗަށް ފިނިހޫނުމިން ޖެހިލާފައިވާއިރު، 2011 ވަނަ އަހަރާ 2015 ވަނަ އަހަރާ ދެމެދު ހޭދަވި 5 އަހަރު ދުވަހުގެ މުއްދަތަށްވުރެވެސް 2015 އަހަރާ 2019 ވަނަ އަހަރާ ދެމެދު ރެކޯޑްކުރެވުނު ފިނިހޫނު މިން 0.2 ޑިގްރީ ސެލްސިއަސް އުފުލިފައިވާކަމަށް މި ރިޕޯޓްގައި ބުނެފައިވެއެވެ.
މީގެ އިތުރުން ފާއިތުވީ 40 އަހަރު ދުވަހަށް ބަލާއިރު އާކްޓިކް ތަނޑީގައި ހޫނު މޫސުމުގެ ދުވަސްވަރު ގަނޑުފެން ހުންނަ މިންވަރު، ކޮންމެ 10 އަހަރަކުން 12 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށްވެސް އދގެ ރިޕޯޓް ބުނެއެވެ. ގަނޑުފެނުގެ މިންވަރު އެންމެ މަދުން ރެކޯޑްކުރެވިފައިވާ ދުވަސްވަރަކީވެސް 2015 ވަނަ އަހަރުން ފެށިގެން ހިނގަމުން މިދާ 5 އަހަރު ދުވަހުގެ މުއްދަތުކަންވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އެންޓާކްޓިކް ތަނޑީގައިވެސް މިކަން ހިނގަނީ ދާދި މިފަދަ އުސޫލަކުން ކަމަށް މައުލޫމާތު ލިބެއެވެ.
މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔެ ހޫނުވުމުގެ މައްޗަށް ބިނާކޮށް އދއިން ހާއްސަ ރިޕޯޓެއް އާންމުކޮށްފައި މިވަނީ، އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދގެ މަރުކަޒީ އިދާރާގައި މިރޭ ފަށާ އދގެ މޫސުމާ ބެހޭ ހާއްސަ ސަމިޓާ ދިމާކޮށެވެ.