މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ތެރެއިން ވަގުތީ ބޯހިޔާވަހިން ހަމަޖައްސައި ނުދީ މަގުމަތިވެފައި ތިބި އެއްވެސް ފަރާތެއް ނުވާނެކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފިއެވެ.

ރާއްޖެ ޓީވީއަށް ދީފައިވާ އިންޓަވިއުއެއްގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ކަމަށް ބުނާ އާއިލާގެ މެންބަރަކު ބުނީ ކަލާފާނު ސްކޫލުގައި ގާއިމް ކޮށްފައިވާ ވަގުތީ ހިޔާގައި ނަން އޮތްތޯ ބެލުމަށް ލިސްޓުގައި ނަން ނެތް ވާހަކަ ޑިޒާސްޓާއިން ބުނި ކަމަށެވެ. އަދި އަޕްޑޭޓް ލިސްޓު ހުންނާނީ ކޮމްޕިއުޓަރުގައި ކަމަށާއި އެވަގުތު ކޮމްޕިއުޓަރު ހުޅުވަން ދަތި ކަމަށް ބުނެ ޖެހިގެން އަންނަ ދުވަހު ދިއުމަށް ޑިޒާސްޓާ މުވައްޒަފުން ބުނި ކަމަށް ހާލުގައި ޖެހުނު ކަމަށް ބުނާ އާއިލާގެ މެންބަރަކު ބުންޏެވެ.

އަދި ޖެހިގެން އަންނަ ދުވަހުވެސް ގޮސްފިއްޔާ ބޯހިޔާވަހިކަން ހަމަޖައްސައިދޭނެތޯ ސުވާލު ކުރުމުން އެކޮމޮޑޭޝަން ހަމަޖައްސައި ދޭން ޖެހޭ ފަރާތެއް ވިއްޔާ ހަމަޖައްސައިދޭނެ ކަމަށް ޑިޒާސްޓާ މުވައްޒަފުން ބުނި ކަމަށް ހާލުގައި ޖެހުނު ކަމަށް ބުނާ އާއިލާގެ މެންބަރު ރާއްޖެޓީވީއަށް ދިން އިންޓަވިއުގައި ބުންޏެވެ. އެމީހާ ބުނީ އަމިއްލަ ޖީބުން ހަރަދުކޮށްގެން ހަފްތާއެއް ވަންދެން ގެސްޓު ހައުސް ފަދަ ތަނެއްގައި ހުރުމުގެ ގާބިލުކަން އެ އާއިލާގެ ކިބައިގައި ނެތް ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި ކަލާފަން ސުކޫލުގައި ތިބި އާއިލާތަކަށް އާމުންގެ އެހީ / ފޮޓޯ: ހަސަން އަތޫފް | ދަ ފުރެސް

މި ސުވާލު މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިޒާސްޓާގެ އިސް ބޭފުޅުންނާ ނޫސްވެރިއަކު ކުރުމުން ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީގެ ޗީފް އެކްޒެކްޓިވް، ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ނެތިފައި ތިބި އެއްވެސް ފަރާތަކަށް ޑިޒާސްޓާ މެނޭޖްމަންޓުން އެހީތެރިކަން ފޯރުކޮށްނުދީ ނުހުންނާނެ ކަމަށެވެ. އެގޮތުން މިހާތަނަށް 562 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެތެރެއިން 246 މީހަކަށް ވަގުތީ ބޯހިޔާ ވަހިކަން ހަމަޖައްސއި ދީފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކަން ދެން މިހާރުވެސް މަގުމަތިވެފަ ތިބި އެއްވެސް ފަރާތަކަށް ޑިޒާސްޓާ މެނޭޖްމަންޓުން އެހީތެރިކަން ފޯރުކޮށްނުދީ ނުހުންނާނެ. މިހާތަނަށް 562 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެތެރެއިން 246 މީހަކަށް ވަގުތީ ބޯހިޔާ ވަހިކަން ހަމަޖައްސާދީފަވޭ" ހަސަން ވިދާޅުވިއެވެ.

ހިސާން ހަސަން ވިދާޅުވީ، ހުކުރު ދުވަހު މި ހާދިސާ ހިނގީންސުރެން އެދުވަހު ފަތިހު 4 ޖަހަންދެން ކަލާފާނު ސުކޫލުގައި ސެންޓަރުގައި ތިބި ހުރިހާ ފަރާތްތަކަށް ވަގުތީ ބޯހިޔާ ވަހިކަން ހޯދައިދީފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ތިމާގެ ގެެތަކަށާއި އަދި ރައްޓެހިން ކައިރިއަށް ބަދަލުވި ފަރާތްތައް އަނެއް ދުވަހު އަންނާނެ ކަަން އިނގޭތީ އެ މަސައްކަތް އޭގެ އަނެއް ދުވަހުވެސް ކުރިއަށް ދިޔަ ކަމަށް ހަސަން ވިދާޅުވިއެވެ. އެ މަސައްކަތްތަކުގެ ތެރޭގައި އިތުރަށް ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ ފަރާތްތަކަށް ގެންދިޔައީ ބޯހިޔާ ވަހިކަން ހަމަޖައްސަމުން ކަމަށާއި މިހާރުވެސް މަގުމަތިވެފައި ތިބި އެއްވެސް ފަރާތަކަށް ޑިޒާސްޓާ މެނޭޖްމަންޓުން އެހީތެރިކަން ފޯރުކޮށްނުދީ ނުހުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތި ވިދާޅުވާ ފަރާތައް މައުލޫމާތު ދިނިން އޭރުވެސް އެފަރާތް އައީ އޭނަގެ ކޮންމެވެސް އެހެން ތިމާގެ މީހަކާއި އެކީގަ އެތަނުގަ އުޅެމުން އައީ. އެހެންވީމަ އޭނަ އެ ރިޕޯޓްކުރި ގަޑިގަ އަޅުގަނޑުމެން ދެންނެވިން މިރޭ އެފަރާތައް އެއުޅޭ ތަނުގަ ހުރެވިދާނެތޯ. އެފަރާތުން މައުލޫމާތުދެއްވި ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީއަށް އެތާ ތިބެވިދާނެ އޭ. އެފަރާތްތަކުން މިއަދު ހެނދުނު އެ ޕްރޮސެސްގައިނީ އެކޮމޮޑޭޝަން މިހާރު ކުރިއަށްދާ ޕްރޮސެސްގެ ތެރެއިން ހަމަޖައްސައިދޭނެކަމަށް. އެހެންވީމަ އެއްގޮތަކަށްވެސް އެއީ އަޅުގަނޑުމެން ވަކި ފަރާތެއް މަގު މަތި ކޮށްލުން ނޫނީ އަޅާ ނުލުމެއް ނޫން،" ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަލާފާނު ސްކޫލުގައި ގާއިމް ކޮށްފައިވާ ވަގުތީ ހިޔާއަށް މީހުން ބޯހިޔާވަހިކަން ހަމަޖައްސަން އަންނައިރު އަލިފާނުގެ ހާދިސާ ހިނގި ދުވަހުގެ ރެއާ އެއާ ޖެހިގެން އައި ދުވަހު އެ އާއިލާތަކުން ބޯހިޔާވަހިކަން ހަމަޖެއްސީ ކިހިނެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެހާ ލަސް ކޮށްފައި ބޯހިޔާވަހި ކަމަށް އެދި ރަޖިސްޓްރީ ކުރަން އައީ ކީއްވެތޯ އަހަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަދި ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަމުން ދަނީ ޑިޒާސްޓަ މެނޭޖްމަންޓުގައި އޮންނަ "ރިލީފް ގައިޑް ލައިނު"ގެ ދަށުން ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ އުސޫލުން ކަމަށެވެ. އަދި އެ ޕްރޮސެސްގެ ތެރޭގައި ވަރަށް ބައިވަރު މައުލޫމާތު ވެރިފައި ކުރައްވަންޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.