މިދިޔަ ހުކުރު ދުވަހު މާލޭ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ސިވިލް ސާވިސް މުވައްޒަފުންނަށް 30 ދުވަހުގެ ޗުއްޓީއެއް ދީފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އަލިފާނުގެ ހާދިސާގައި ގެއްލުންވި މުވައްޒަފުންނަށް 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ދިނުމަށް ނިންމާފައި ވަނީ، އެ މުވައްޒަފުން އާންމު ހާލަތަށް ބަދަލުވުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.
އެ ކޮމިޝަނުން ބުނީ، މުވައްޒަފުންނަށް ޗުއްޓީ ހަމަޖެހޭނީ، އެ މުވައްޒަފުން މަސައްކަތްކުރާ އިދާރާއަށް ހުށަހެޅުމުން ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާފައި ވާއިރު، 80 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ އާއިލާތަަކަށް ވަގުތީ ބޯހިޔާ ވެހިކަމާއި އެންއެންޑީއެފާއި، ފުލުހުންނާއި، ސިޓީ ކައުންސިލްގެ އިތުރުން ޑިޒާސްޓާ މެނޭޖްމަންޓް އަދި އާންމުންގެ ފަރާތުން އެތައް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.
ރޯވި އަލިފާނގަނޑު ކޮންޓްރޯލް ކުރެވުނީ ހަތަރު ގަޑިއިރަށް ވުރެ ގިނަ ވަގުތުގެ ބުރަ މަސައްކަތުންނެވެ. މި ހާދިސާގައި ތ. ބުރުނީއަށް އުފަން 46 އަހަރުގެ އައިޝަތު ޝައުނާ ވަނީ ނިޔާވެފައެވެ. ޝައުނާ ނިޔާވީ އަލިފާނުގެ ހާދިސާ ހިނގި ގެއެއްގައި ތާށިވެ ނުނިކުމެ ވުމުގެ ސަބަބުންނެވެ.