މަޖީދިއްޔާ ސްކޫލުގެ މެންދުރު ދަންފަޅީގެ ލިޔެވުން ބަންދުކޮށްފިއެވެ.

"ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހް ވިދާޅުވީ، މިއަދު ހެނދުނު ދަންފަޅީގެ ކިޔެވުން ކުރިއަށް ދިޔައިރު، ބައެއް ދަރިވަރުން ހާސްވާކަމަށް ބުނެ ޝަކުވާކޮށްފައިވާ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އަދި ހެލްތް ޕްރޮޓެކްޗަން އެޖެންސީއިން އިރުޝާދު ދެއްވާފައިވާ ގޮތުގެ މަތިން އެކުދިން ގެއަށް ފޮނުވާލާފައިވާ ކަމަށް ޕްރިންސިޕަލް އައިޝަތު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ، މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން ދާ ބައެއް ދަރިވަރުންގެ ޝަކުވާތަކުގެ ސަބަބުން މިއަދުގެ ކިޔެވުން ކެންސަލްކޮށްފައިވާ ކަމަށެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ މަޖީދިއްޔާ ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރު އައިޝާ ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ދަރިވަރުން އުޅޭ ސްކޫލްތަކަށްވެސް ޒިޔާރަތްކުރައްވާ އެކުދިން ހާލު ބައްލަވާފައެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި އުޅޭ ދަރިވަރުންނަށް ކުލަ ހެދުމުގައި ސްކޫލަށް ދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރޭގެ ވަގުތެއްގައި ވަނީ ބުނެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅެމުންދިޔަ ހުރިހާ ދަރިވަރުންނަށް، ކުލަހެދުމުގައި ސްކޫލަށް ދާންޖެހުނު ކަމުގައި ވިޔަސް އެ ކުދިންނަށް ސްކޫލަށް ދިއުމުން ކިޔެވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މަޖީދިއްޔާ ސްކޫލުގެ ހާލަތު ބައްލަވާ ސްކޫލުގެ އިސް ފަރާތްތަކާއި، ހާދިސާގެ އަސަރު ކުރި ދަރިވަރުންނާއި ބައްލަދު ކުރައްވަނީ / ފޮޓޯ: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މަޖީދިއްޔާ ސްކޫލް ކައިރީގައިވާ ސަރަހައްދު ގާތުން ބެލުމަށްފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ކުރިއެކޭ އެއްގޮތަށް ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދިއުން އެންމެ ރަނގަޅުކަމަށް ބުނެފައި ކަމަށެވެ.

ރޭ އިރާކޮޅު ހިނގި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އަބަދަށްފެހި މަގުގައެވެ. އެއީ މަޖީދިއްޔާ ސްކޫލުގެ މައި ގޭޓުގެ ކުރިމައްޗަށް ވާ ގޮތަށް މަޖީދީގަށް ނުކުމެން އޮންނަ މަގެވެ. އެ މަގުގައި ހުރި 10 ތަނެއްގައި އަލިފާން ރޮޥެ އަނަދާފައިވާއިރު މިހާދިސާގައި އަލިފާން ރޮވެފައި ވަނީ ކެމިކަލް ގުދަނެއްގައެވެ. ރޭ މިހާދިސާގައި އަލިފާން ނިއްވުމަށް އެސަރަހައްދަށް ގޮސް އުޅުނު އެންމެންވެސް އުޅުނީ މާސްކު އަޅައިގެންނެވެ، އެއީ ކެމިކަލް ގުދަނުގައި ރޯވުމުން ދުމުގެ އަސަރުން ސިއްހަތަށް ފަރުވާތެރިވުމަށެވެ.