އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި އުޅޭ ދަރިވަރުންނަށް ކުލަ ހެދުމުގައި ސްކޫލަށް ދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅެމުންދިޔަ ހުރިހާ ދަރިވަރުންނަށް، ކުލަހެދުމުގައި ސްކޫލަށް ދާންޖެހުނު ކަމުގައި ވިޔަސް އެ ކުދިންނަށް ސްކޫލަށް ދިއުމުން ކިޔެވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މަޖީދިއްޔާ ސްކޫލް ކައިރީގައިވާ ސަރަހައްދު ގާތުން ބެލުމަށްފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ކުރިއެކޭ އެއްގޮތަށް ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދިއުން އެންމެ ރަނގަޅުކަމަށް ބުނެފައި ކަމަށެވެ.

ރޭ އިރާކޮޅު ހިނގި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އަބަދަށްފެހި މަގުގައެވެ. އެއީ މަޖީދިއްޔާ ސްކޫލުގެ މައި ގޭޓުގެ ކުރިމައްޗަށް ވާ ގޮތަށް މަޖީދީގަށް ނުކުމެން އޮންނަ މަގެވެ. އެ މަގުގައި ހުރި 10 ތަނެއްގައި އަލިފާން ރޮޥެ އަނަދާފައިވާއިރު މިހާދިސާގައި އަލިފާން ރޮވެފައި ވަނީ ކެމިކަލް ގުދަނެއްގައެވެ. ރޭ މިހާދިސާގައި އަލިފާން ނިއްވުމަށް އެސަރަހައްދަށް ގޮސް އުޅުނު އެންމެންވެސް އުޅުނީ މާސްކު އަޅައިގެންނެވެ، އެއީ ކެމިކަލް ގުދަނުގައި ރޯވުމުން ދުމުގެ އަސަރުން ސިއްހަތަށް ފަރުވާތެރިވުމަށެވެ.