ރެއިން ފެށިގެން ބޯކޮށް ވާރޭ ވެހި ގއ. ވިލިނގިލީގައި ފެންބޮޑުވެއްޖެއެވެ.

'ދަ ޕްރެސް' އާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނީ ބޯކޮށް ވާރޭވެހެމުގެ ސަބަބުން ރަށުގެ ބޮޑު ބައެއް ފެނު އަޑީގައި އޮތް އިރު މިއަދު ހައެއްކަ ގަޑިއިރުވަންދެން ކަރަންޓް ވެސް ކެނޑިފައިވާ ކަމަށެވެ.

މީގެ އިތުރުން ނަރުދަމާ ނިޒާމް ބަންޑުންވެ، ފާހާނާތަކުން ނަޖިސްއަރަމުންދާ ކަމަށާއި، އަދިވެސް އެ މައްސަލަތައް ހައްލުނުވާ ކަމަށެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ގެތަކުގައި ހިފާގެންގުޅޭ ސާމާނަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާކަމަށް ވިލިނގިލިން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، ވިލިނގިލީގައި ފެންބޮޑުވުމާއި ގުޅިގެން އެ އޮތޯރިޓީން އެކަން ގާތުން ބަލަމުންދާކަމަށާއި، ފެންބޮޑުވުމުގެ ސަބަބުން ފެން ވަންނަމުންދާ ގެތަކުގައި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނި އަދި ފެން ހިންދުމަށް ކޯރުކެނޑުމުގެ މަސައްކަތް ކުރަމުންދާ ކަމަަށެވެ.

ވިލިނގިލިގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ވިލިނގިލީގައި ގާއިމްކޮށްފައިިވާ ރެޑްކްރެސެންޓްގެ ގޮފިންނާއި، ވިލިނގިލި ޕޮލިސް ސްޓޭޝަނުން އަދި އާންމުން ގުޅިގެން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވަމުންދާއިރު، މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑި އިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭ އިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެ އިތުުރުން ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.