ރޭ އިރާކޮޅު ހިނގި އަލިފާނުގެ ހާދިސާ ކަވަރު ކުރުމަށް "ދަ ޕްރެސް" ގެ ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ފެނުނީ އުމުރުން ދުވަސްވީ މީހެއް އަތްދަނޑި މައްޗަށް ނަގައިގެން މީހަކު ބާރަށް ހަޅޭއްލަވަމުން ދުވެފައި ދިޔަ މަންޒަރެވެ.

"ދަ ޕްރެސް" ގެ ނޫސްވެރިޔާ ބުނީ، އަލިފާން ރޯވި ސަރަހައްދުން އެމީހާ އަތްދަނޑި މައްޗަށް ލައިގެން ދުވެފައި ދިޔަ މީހާ ދިޔައީ ވަރަށް ބާރަށް ކަމަށެވެ. އޭނާ ދުވެފައި ދިޔަ އިރު އޭނާގެ ފަހަތުން އިތުރު ދެމީހަކުވެސް ދުވެފައި ދިޔައެވެ. އަދި ކައިރިން އެހެން މީހަކާ ދެ ސިފައިންވެސް އެމީހުންނާ ގާތްވިއެވެ.

"ދަ ޕްރެސް" ގެ އެކްސްކްލޫސިވް ވީޑިއޯއިން ފެންނަ ގޮތުގައި، މަޖީދީމަގު ބީއެމްއެލް ކުރިމަތީގައި ޕާކްކޮށްފައި އޮތް އެމްއެންޑީއެފްގެ ވެހިލަކާ އަރާ ހަމަވުމުން އެމީހާގެ ފިޔަވަޅު މަޑު ޖައްސާލައެވެ. ދެން ސިފައިންގެ އެދުމަށް އެމީހާއާ އެކު އެތަނަށް އައި ތިން މީހަކު އެ ވެހިކަލަށް އަރާތަން ފެނެއެވެ. ވީޑިއޯގައި ދެން އިވެނީ އެތަނުން މީހަކު "އޭޑީކޭއަށް ގެންގޮސް ވައްދާށޭ" ބުނާ އަޑެވެ.

އެހިސާބުން ސިފައިންގެ ވެހިކަލު ދުއްވާ ޑްރައިވަރުއައިސް ވެހިކަލަށް އެރުމަށްފަހު އޭޑީކޭއަށް އެމީހާ ގެންދިއުމަށް އަވަހަށް އެ އުޅަނދު ދުއްވާލައެވެ.

އުމުރުން ދުވަސްވީ މީހާ ގޮވައިގެން ދުވެފައި ދިޔަ މީހާ ދިޔަތަން "ދަ ޕްރެސް" ގެ ނޫސްވެރިންނަށް ފެނިފައިވަނީ ހީނާމާގެއާ ހަމައިންނެވެ. ހިނާމާގެ ގޯޅިތެރޭގައި ހުރި ގެތަކަށްވެސް ވަނީ ދުމުގެ އަސަރުކޮށްފައެވެ. އޭރު އެސަރަހައްދުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓުގެ ހިދުމަތްވެސް ކަނޑާލާފައެވެ.

ރޭ މުޅި މާލެތެރެ ހަލަބޮލިވެގެން ދިޔައީ އިރާކޮޅު ހެންވޭރުގެ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއިންނެވެ. ބާރުއަޑުފަށްގަނޑާ އެކީ އެއްޗެހިތަކެއް ގޮވަމުން ދިޔައިރު އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ މީހުން ދިޔައީ އެބައެއްގެ ސަލާމަތް އެބަޔަކު ހޯދަމުންނެވެ. އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑުގެ ހުޅުގަނޑު ބޮޑުވެ އެ ސަރަހައްދުގައި ހުރި ގެތަކަށް ހުޅުގަނޑު ފެތުރި، ގެތަކަށް ދުންތައް ވަންނަން ފެށުމާއެކު އެގެތަކުން މީހުންތައް ނެރުމަށް ފުލުހުންނާއި ސިފައިން އަދި އެހެނިހެން މުއައްސަސާތަކުގެ މީހުންވެސް ހަރަކާތްތެރިވާން ފެށިއެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ސިޔާސީ ފިކުރު އެއްފަރާތް ކޮށްލުމަށް ފަހު ފަހުގެ ތާރީހެއްގައި ދިވެހިންގެ ފަރާތުން އެއްބައިވަންތަކަމުގެ ރީތި މިސާލު ފެނިގެން ދިޔައެވެ. ރޭ އެ ސަރަހައްދަށް އެއްވެފައި ތިބި އެތައް ބަޔަކު ވަނީ ފުލުހުންނާ ސިފައިންނަށް އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެތައް މަސައްކަތެއް ކޮށްފައެވެ. މި ކަމުގައި ހަރަކާތްތެރި ވަމުން ދިޔައީ ދިވެހިން އެކަނި ނޫންކަން ވެސް ފާހަގަކޮށްލެވެއެވެ. މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ފަރާތުންވެސް އެއްބާރުލުން ލިބިގެން ދިޔައެވެ.