އަލިފާން ރޯވީމަ ނިއްވާނެ ގޮތެއް ނެތް ކަމަށާއި، ވާރޭ ވެހި ފެންބޮޑުވީމަ ފެން ހިންދާނެ ގޮތެއް ނެތް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ސިރާޖު މިއަދު ކުރެއްވި ޓްވީޓެއްގައި މި މޭރުމުން ވިދާޅުވެފައި ވަނީ ރޭ މާލޭގެ އަބަދަށްފެހި މަގުގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާގައި 400 އަށް ވުރެ ގިނަ ބަޔަކަށް ގެއްލުން ލިބިފައި ވަނިކޮށެވެ. އަދި ރެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތައް ފެންބޮޑުވެ މާލޭގައި ހުރި އިމާރަތްތަކަށް ފެންވަދެ އެތައް ގެއްލުމެއް ދިވެހިންނަށް ލިބިފައި ވަނިކޮށެވެ.

ސިރާޖު ވިދާޅުވީ، މާލޭ ނޫން ގޮތެއް ހޯދަން މީހާރު މާ ލަސްވެސް ވެއްޖެ ކަމަށެވެ. ލާމަރުކަޒީކޮށް، މާލެ ތޮށްޖެއްސުން ހުއްޓުވާނެ ކަމަށާއި މިކަމަށް އިތުރު ހައްލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭ އިރާކޮޅު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ގަނޑު ކޮންޓްރޯލް، ކުރެވިފައި ވަނީ ހަތަރު ގަޑިއިރަށް ވުރެ ގިނަ އިރުވީ ފަހުންނެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނު އިރު އެ ސަރަހައްދުގައި ހުރި ހަތަރު ގުނަކާއި ހަ އިމާރާތެއްގައި އަލިފާން ރޯވެ އަނދާފައިވެއެވެ.