މ. މަޑުއްވަރީ ގެއަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާގެ ތެރެއިން ބައެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ، އިއްޔެ މ. މަޑުއްވަރީ ގެއަކުން 128،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު އެ ފައިސާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުގައި 98،820 ރުފިޔާގެ ފައިސާ އެ ދުވަހުގެ ހަވީ 4:43 ހާއިރު ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، ބަކީ ހުރި ފައިސާތައް ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން ދާ ކަމަށާއި، ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މި ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަވަމުން އަންކަން ވަނީ ފާހަގަވެފައެެވެ. އެގޮތުން މިދިޔަ މަހުގެ 27 ވަނަަ ދުވަހު މާލެއިން ފުރައިގެން ފ. އަތޮޅު ބިލެއްދޫއަށް ދަތުރުކުރި ބޯޓެއްގައި ރައްކާކޮށްފައި ހުރި ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވެސް ވަނީ ވަގަށް ނަގާފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފ. އަތޮޅު ބިލެއްދޫއަށް ދިޔަ ބޯޓެއްގެ ކަބަޑު ތެރޭގައި ބަހައްޓާފައި ހުރި 450،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.