އަންނަ ހޯމަ ދުވަހު ކެމިކަލް ގަވާއިދު ގެޒެޓް ކުރައްވާނެ ކަމަށް މިނިސްޓާ އޮފް ޑިފްންސް މާރިއާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭގަ ހިނގާދިޔަ ފަދަ ހަދިސާއެއް ތަކުރާރުވިޔަ ނުދިއުމަށް 4 ކަމެއް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި، އޭގެ ތެރޭގައި ގުދަންތައް މީހުން ނޫޅޭ ސަރަހައްދަށް ބަދަލުކުރުމަށާއި، ބޮޑެތި ކެމިކަލް ގުދަން ތިލަފުށި ނުވަތަ ގުޅިފަޅަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ރައްކާތެރި ގޮތުގައި ކެމިކަލްތައް ނައްތާލުމަށާއި، މިހާރުން މިހާރަށް ކެމިކަލް ގަވާއިދު ގެޒެޓް ކުރުން ހިމެނެއެވެ.

އެގޮތުން، މާލޭގައި 126 ކެމިކަލް ގުދަން ހުރިއިރު، އޭގެ ތެރެއިން 82 ތަނަކީ މީހުން ދިރިއުޅޭ ތަނާ އިންވެގެން ހަދާފައި ހުރިތަންތަން ކަމަށް މިނިސްޓާރު ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ކުރިން މިފަދަ ގަވާއިދެއް އެކުލަވާލާފައި ނުވަނީ، މި ގަވާއިދު އެކުލަވާލުމަށްޓަކައި ކުރަންޖެހޭ ދިރާސާތަކާއި އެކުލަވާލަންޖެހޭ ގިނަ ނުކުތާތަކެއް ހުރުމުން، އެކަމަށް ވަގުތު ބޭނުންވާތީ ކަމަށެވެ. އެގޮތުން މިނިސްޓަރު މާރިޔާ ވަނީ ބައެއް މުހިންމު ނުކުތާތައް ފާހަގަ ކުރައްވާފައެވެ.

އެގޮތުން ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުމުން ފަށައިގެން، އެ ގުދަން ކުރުމާއި، އެއްތަނުން އަނެއް ތަނަށް އުފުލުން އަދި ކެމިކަލް ނައްތާލުމާއި ކަމެއް ދިމާވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތާއި، ސަލާމަތީ ގޮތުން އަޅަންވީ ރައްކާތެރިކަން ވެސް ކެމިކަލް ގަވާއިދުގައި ފާހަގަކޮށްފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކެމިކަލް ގަވާއިދުގެ އެންމެ ބޮޑު މަގްސަދަކީ ނުރައްކާތެރި ކެމިކަލަކީ ކޮބާކަން ކަނޑައެޅުމާއި ކެމިކަލް ރާއްޖެ އެތެރެކުރާ ފަރާތްތަކުން އަމަލު ކުރަންވީ އުސޫލުތައް ކަނޑައެޅުން އަދި މި ތަކެތި އެތެރެކޮށް ގުދަން ކުރުމުގައި އަމަލު ކުރަންވީ ގޮތާއި ރައްކާތެރި ކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތައް ކަނޑައެޅުން ކަމަށެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރޭގެ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ގުދަން ވަނީ މޭ 16 ވަނަ ދުވަހު ފަޔާ އިންސްޕެކްޓް ކޮށްފައި ކަމަށާއި، އެ ގުދަނަށް ހުއްދަ ދީފައިވަނީ ގްރީން ޕާކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، މާލޭގައި ކެމިކަލް ގުދަން ކުރުމާ ބެހޭގޮތުން ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށެވެ.