މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތައް ފެންބޮޑުވެ، އައިޖީއެމްއެޗް ކައިރިން ފެންހިއްކަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މާލޭގެ މަގުތައް ފެންބޮޑުވުމުގެ ސަބަބުން މަގުތަކުގެ ފެން ހިންކުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ޓީމުން ކުރަމުން ދާ ކަމަށެވެ. އެގޮތުން މިވަގުތު ޕަންޕް ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އައިޖީއެމްއެޗް ކައިރީގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ޅ އަތޮލޫން ވ އަތޮޅާ ދެމެދަށް ރީނދޫ އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ، ފަތިހު 4:00 އިން ފެށިގެން ހެނދުނު 7:00 އާ ދެމެދު މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެން ވާކަމަށެވެ.
މީގެ އިތުރުން މޫސުމާ ވބެހޭ އިދާރާއިން ބުނެފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ހާއްސަކޮށް މެދުތެރެއާއި ދެކުނު އަތޮޅުތަކުގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.