ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ނައިފަރު ސްކޫލު ކުދިންނާއި ބެލެނިވެރިންނަށް ހާއްސަ ހަދިޔާއެއް ދީފިއެވެ.
ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލުން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ޅ.ނައިފަރު ސްކޫލު ގޯތި ތެރޭ ހިޔާ ކޮށްފައިވާ ސަރަހައްދެއް ގާއިމް ކޮށްފިއެވެ. މި ސަރަހައްދު ވަނީ ސްކޫލު ކުދިންނާއި ބެލެނިވެރިން މިއަދު ބޭނުންކުރަން ފަށާފައެވެ.
ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓާ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވީ، ކޮމިއުނިޓީ ފަންޑަކީ ވަރަށް ގިނަ ފަރާތަކެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިން ޕްރޮޖެކްޓެއް ކަމަށާއި މިއީ ވަރަށް ގިނަ ބައެއްގެ ތަރުހީބުވެސް ލިބެމުން އަންނަ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ބީއެމްއެލްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ބޭނުންވާ މިފަދަ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރަމުންދާ މަސައްކަތްތައް އިތުރު ކުރުން ކަމަށް ސައީދު ވިދާޅުވެއެވެ.
ނައިފަރު ޕްރޮޕޯސަލް ކާމިޔާބު ކުރި ނައިފަރު ޖުވެނައިލްގެ ފަރާތުން ބުނީ، މި ޕްރޮޖެކްޓުގެ ސަބަބުން މިރަށުގެ ސްކޫލު ކުދިންނާއި ބެލެނިވެރިންނަށް ލިބިގެން މި ދިޔައީ ވަރަށް ވެސް ފުރިހަމަ ހަދިޔާއެއް ކަމަށެވެ. އަދި ގަދަ ހޫނުގައި މިހާރު ބެލެނިވެރިން މަޑުކުރަން ޖެހޭ ކަމަށް ނިމުމެއް އައުމީ އެ ޖަމްއިއްޔާއިން ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ކުރިޔަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.