ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެޔަށް ޖެހެމުންދާ ނުރައްކަތެރި ބަލީގައި އަދިވެސް އިތުރު ބަޔަކު މި ދުނިޔެއާއި ވަކިވެ ހިނގައިދާނެ ކަމުގެ އިންޒާރު، އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ދީފިއެވެ.

ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެޔަށް ނުރައްކާތެރި ބައްޔެއް ޖެހިގެން އެތައް ސަތޭކަ ބަޔަކު ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާއިރު، މި ބަލީގައި މިހާތަނަށް 7 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި)އިންވަނީ ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެޔަށް ނުރައްކާތެރި ބައްޔެއް ޖެހެމުންދާ ދިއުން، ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައެވެ. ކަމާބެހޭ ފަރާތްތަކުން ތަހުގީގުކުރަމުންދަނީ ވޭޕްކުރުމުގެ ސަބަބުން ނުރައްކާތެރި ބައްޔެއް ޖެހެން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ ވޭޕްކުރުމާ ގުޅުންހުރި ސާމާނު ސަޕްލައިކުރާ ފަރާތްތަކާ ގުޅޭ ތަހުގީގުތަކެއްވެސް ހިންގަމުންނެވެ.

ވޭޕްކުރުމާ ގުޅިގެން ބަލިޖެހޭ މީހުންނާ މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 އަށްވުރެ ގިނަ ގައުމުން މިހާރު ވަނީ ވޭޕްކުރުމާ، ވޭޕްކުރުމާ ގުޅުންހުރި ވިޔަފާރި ކުރުމާ، އިސްތިހާރު ކުރުން މަނާކޮށްފައެވެ.