ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުގެ އިސްވެރިޔާ އިއުލާންކުރައްވައިފިއެވެ.

ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ޗެއާމަން މަހިންދާ ދޭޝާޕްރިޔާ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގުލިބިފައިވާ މީހުންގެ އަދަދު 16 މިލިއަނަށް އަރާ ކަމަށެވެ.

މިދަނޑިވަޅަކީ އޭޕްރިލް މަހުގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ލޮޅުން އަރާފައިވާ ސްރީލަންކާގެ 87 ބިލިއަން ޑޮލަރުގެ އަގުހުރި އިގުތިސޯދު ހަމައަކަށް އެޅުވުމަށް އެގައުމުން ބާރު ދުވެލީގައި މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެކެވެ.

ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ލަފާކުރައްވާ ގޮތުގައި މިފަހަރުގެ އިންތިހާބުގައި 18 ވަރަކަށް ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ. މިއީ ސްރީލަންކާގެ ތާރީހަށް ބަލާއިރުވެސް ރެކޯޑެކެވެ.

ސްރީލަންކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ފުރަތަމަ ބުރުގެ ވޯޓުގައި އެއްވެސް ކެންޑިޑޭޓަކަށް އަގުލަބިއްޔަތު ކަށަވަރެއް ނުކުރެވޭނެއެވެ. އެހެންކަމުން ސްރީލަންކާގެ އާ ސަރުކާރުގެ ރައީސް އިންތިހާބުކުރަންޖެހޭނީ 2 ވަނަ ބުރުގެ ވޯޓަކަށް ގޮސްގެންކަމަށް ބުރަވެވެއެވެ.

ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރެއްވުމުގެ ހައްގު މިހާރުގެ ރައީސް މައިތްރިޕާލަ ސިރިސޭނާއަށް ލިބިވަޑައިގެންވީ ނަމަވެސް، އިންތިހާބުގައި ވާދަކުރައްވާނެކަން އަދި އިއުލާންކުރައްވާފައެއް ނުވެއެވެ.

2015 ވަނަ އަހަރު ސްރީލަންކާގެ ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހާއެކު، ސްރީލަންކާގެ ވެރިކަމާ ދެން ހަވާލުވެވަޑައިގަންނަވާ ރައީސަކަށް ލިބިވަޑައިގަންނަވާ ބާރާއި އިމްތިޔާޒު، މީގެ ކުރީ ދައުރުތަކުގައި ރައީސްކަން ކުރެއްވި ބޭފުޅުންނަށްވުރެ ކުޑަވާނެއެވެ.