ބަރުދަން ލުއިކުރުމާ ކޮސްމެޓިކްސް ސާޖަރީއަށް ހިތްވަރުދޭ ޕޯސްޓުތަކާ މެދު ވަކިން ހަރުކަށި އުސޫލެއްގެ ދަށުން އަމަލުކުރަން ފަށާނެ ކަމަށް އިންސްޓަގްރާމުން ބުނެފިއެވެ.

އެގޮތުން ބަރުދަން ލުއިކުރުމާ ކޮސްމެޓިކްސް ސާޖަރީއާއި ގުޅޭ ބައެއް ޕޯސްޓްތަކަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިން ބޭނުންކުރާ އެކައުންޓްތަކަށް ފޮރުވިފައިވާނޭ ޕޯސްޓްތަކެއް ކަމަށާ، އާދަޔާ ހިލާފު ގޮތަކަށް ބަރުދަން ލުއިކޮށްދޭ ޕްރޮޑަކްޓްތަކެއްގެ ގޮތުގައި ކުރާ އިސްތިހާރު ޕޯސްޓްތައް ރިމޫވް ކުރެވޭނެ ކަމުގެ އިންޒާރުވެސް އިންސްޓަގްރާމުން ވަނީ ދީފައެވެ.

ތިމާގެ ބުރުސޫއަރާއި މެދު އަމިއްލަ ނަފްސަށް އޮން އިތުބާރު ކުޑަވެ، ބައެއް ހާލަތްތަކުގައި މި އިތުބާރު މުޅުން ގެއްލޭ ދަރަޖައަށްވެސް އަދުގެ ޒުވާން ޖީލާ ފުރާވަރު އުމުރު ކުދިންގެ އިތުރުން ޅައުމުރުގެ ކުދިންގެ މެދުގައި ކަންކަން ގޮސްފައިވާއިރު މިއީ ހެދިބޮޑުވަމުންދާ ކުދިންގެ ޖިސްމާނީ އަދި ނަފްސަނީ ދުޅަހެޔޮކަމަށް އެކަމުގެ ނޭދެވޭ އަސަރުކުރުވާ ކަންކަމެވެ.

އިންސްޓަގްރާމްގެ ޕަބްލިކް ޕޮލިސީ މެނޭޖާ އެމާ ކޮލިންސް ބުނީ، އިންސްޓަގްރާމަކީ ހުރިހާ ގޮތަކުންވެސް "ޕޮޒިޓިވް" ނުވަތަ އެދެވިގެންވާ ޕްލެޓްފޯމަކަށް ހެދުމަކީ މަގުސަދެއް ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މީހުންނަށް ކުރިމަތިވާ އެކި ކަހަލަ ޕްރެޝަރު ކުޑަކުރުމަކީވެސް އިންސްޓަގްރާމްގެ އަމާޒެއް ކަމަށް އެމާ ކޮލިންސް ވަނީ ފާހަގަކޮށްފައެވެ.

އަމިއްލަ ހަށިގަނޑާ މެދު ބޭއިހުތިރާމުގެ ނަޒަރަކުން ނުދެކުމަށް ވަކާލާތު ކުރާ ފަރާތްތަކުން ވަނީ އިންސްޓަގްރާމްގެ ނިންމުމަށް ތައުރީފުކޮށްފައެވެ. މިފަދަ ފަރާތްތަކުން ދަނީ ފައިދާއެއް ނެތް ޑަޔަޓްތަކާ ޑިޓޮކްސް ބުއިންތަކާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.