2022 ވަނަ އަހަރު ގަތަރުގައި އޮންނަ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ގަތަރަށް ގެންނަމުންދާ އުމްރާނީ ކުރިއެރުންތަކަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތައުރީފުކޮށްފިއެވެ.

ވޯލްޑްކަޕްގެ މެޗުތައް ކުރިއަށްދާނެ 8 ސްޓޭޑިއަމްއާއި ކުޅުންތެރިން ފަރިތަކުރަން ހަމަޖެހިފައިވާ މަރުކަޒުތަކުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ބަލާލުމަށްފަހު އިންފަންޓީނޯ ބުނީ ރަޝިއާގައި ކުރިއަށްދިޔަ މުބާރަތަކީ މިހާތަނަށް އޮތް އެންމެ ފުރިހަމަ މުބާރާތް ކަމަށާ، ގަތަރުގައި އޮންނަ މުބާރަތަކީ އެއަށްވުރެވެސް ފުރިހަމަ މުބާރާތަކަށް ވާންޖެހޭނެ ކަމަށެވެ.

2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބިޑް ގަތަރުން ކާމިޔާބު ކުރީ އޮސްޓްރޭލިއާ، ޖަޕާނު، ދެކުނު ކޮރެއާ އަދި އެމެރިކާވެސް ފަހަށް ޖައްސާލުމަށްފަހުގައެވެ.

ވޯލްޑްކަޕަށް ހާއްސަކޮށްގެން ގަތަރުން މުޅުން އަލަށް 7 ސްޓޭޑިއަމްއެއް އަޅަމުންދާއިރު މި ސްޓޭޑިއަމްތަކަކީ އެންމެ ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީއާއެކު އޯޕަން އޭއާ ކޫލިންގް ނިޒާމުތައްވެސް ގާއިމުކުރެވިގެން ބިނާކުރާ ސްޓޭޑިއަމްތަކެކެވެ. 8 ވަނަ ސްޓޭޑިއަމް ކަމަށްވާ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްވެސް މިހާރުވަނި އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައި ހުޅުވާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވޯލްޑްކަޕަށް ހާއްސަކޮށްގެން ގަތަރުން އަޅާ ހުރިހާ ސްޓޭޑިއަމެއްގެ މަސައްކަތް، މުބާރާތް ފެށުމުގެ 2 އަހަރު ދުވަސްކުރިން ނިންމާލާނެއެވެ.

ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް

ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ މި ސްޓޭޑިއަމް އަޅާފައިވަނީ 1976 ވަނަ އަހަރުއެވެ. 40000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްއަކީ، ގަލްފްކަޕް، އޭޝިއަން ގޭމްސް އަދި އޭއެފްސީ އޭޝިއަން ކަޕް ފަދަ ބޮޑެތި މުބާރާތްތަކެއްގެ މެޗުތައް މިހާތަނަށް ކުޅެފައިވާ ޒަމާނީ ސްޓޭޑިއަމްއެކެވެ.

ގަތަރު ފީފާ ވޯލްޑްކަޕް 2022 ގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް/ފޮޓޯ: ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ

އަލް ވަކްރާހް ސްޓޭޑިއަމް

ގަތަރުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަލް ވަކްރާހްގައި އަޅަމުންދާ މި ސްޓޭޑިއަމްއަކީވެސް 40000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ. މި ސްޓޭޑިއަމްގެ މަސައްކަތްތައްވެސް މިހާރު މުޅިންހެން ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ބޭނުންވެއްޖެ ހިނދެއްގައި ހުޅުވާ ލައްޕާ ހެދޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ސީލިންގްއެއް އެޅުމުގެ މަސައްކަތެވެ.

ގަތަރު ފީފާ ވޯލްޑްކަޕް 2022 ގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ އަލް ވަކްރާހް ސްޓޭޑިއަމް/ފޮޓޯ: ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ

ލުސާއިލް ސްޓޭޑިއަމް

ދޯހާގެ އުތުރުން 23 ކިލޯމީޓަރު ދުރުގައި އޮންނަ ލުސާއިލް ސިޓީގައި އަޅަމުންދާ ލުސާއިލް ސްޓޭޑިއަމްއަކީ ގަތަރު 2022 ފީފާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތާ، ފައިނަލް މެޗު ކުޅެވިގެންދާނެ ސްޓޭޑިއަމްއެވެ. މި ސްޓޭޑިއަމްގެ މަސައްކަތްތައް މިހާރު ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރު، މިހާރު ކުރިއަށްދަނީ ސްޓޭޑިއަމްގެ ކޮންކްރީޓް ސްޓްރަކްޗާ ވަރުގަދަކޮށް، މެޗު ބެލުންތެރިން އިށީނދެ ތިބޭނެ ޓެރަސްތައް އެޅުމުގެ މަސައްކަތްކަން ފާހަގަކުރެވެއެވެ.

ގަތަރު ފީފާ ވޯލްޑްކަޕް 2022 ގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ލުސާއިލް ސްޓޭޑިއަމް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ފަރަސް ޣަނީ

އަލް ބައިތު ސްޓޭޑިއަމް

60000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ހުންނަނީ އަލް ޚޯރު ސިޓީގައެވެ. އަލް ބައިތު ސްޓޭޑިއަމް ފަރުމާ ކޮށްފައިވަނީ، ގަތަރުގެ ސަހަރާތަކުގައި ބޭނުންކުރާ ޓެންޓުތައް ރަމްޒުކޮށްދޭ ބައްޓަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ސްޓޭޑިއަމްގެ މަސައްކަތްތަކުގެ ދެބައިކުޅަ އެއްބައި މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ.

ގަތަރު ފީފާ ވޯލްޑްކަޕް 2022 ގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ އަލް ބައިތު ސްޓޭޑިއަމް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް

މިއީ ގަތަރުގެ ރަށްބޭރުން އޮންނަ އިލްމީ މަރުކަޒުތަކުގެ މެދުގައި އަޅަމުންދާ ސްޓޭޑިއަމްއެކެވެ. އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތަކާ ހިސާބުން ސްޓޭޑިއަމްގެ ދެބައިކުޅަ އެއްބައި އުނިކޮށް، އެސަރަހައްދުގައި ހުރި ސީޓިންގް ސިސްޓަމްތައް، ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ސްޓޭޑިއަމް އެޅުމަށް ހަދިޔާ ކުރާ އުސޫލަކަށް ވިސްނައިގެންނެވެ. އެއީ ގާތްގަނޑަކަށް 20000 ސީޓްއެވެ.\

ގަތަރު ފީފާ ވޯލްޑްކަޕް 2022 ގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ

އަލް ރައްޔާން ސްޓޭޑިއަމް

ގަތަރުގައި 2ވަނައަށް އެންމެ ބައިބޯ ސިޓީގައި އަލް ރައްޔާން ސްޓޭޑިއަމް އަޅަމުންދަނީ ކުރީގެ އަހުމަދު ބިން އަލީ ސްޓޭޑިއަމް ހުރި ސަރަހައްދުގައެވެ. މި ސްޓޭޑިއަމްގައި ގަތަރަށް މަޝްހޫރު އަލް ރައްޔާން ސްޕޯޓްސް ކުލަބުގެ މައި ދަނޑެވެ. މި ސްޓޭޑިއަމްއަކީވެސް 40000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ.

ގަތަރު ފީފާ ވޯލްޑްކަޕް 2022 ގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ އަލް ރައްޔާން ސްޓޭޑިއަމް އެޅުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު(ކ) އަދި ކޮމްޕިއުޓާ ޖެނެރޭޓަޑް އާޓް އިމޭޖެއް/ފޮޓޯ: ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ

އަލް ތުމާމާ ސްޓޭޑިއަމް

40000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ހުންނަނީ ގަތަރުގެ ވެރިރަށް ދޯހާގެ 12 ކިލޯމީޓަރު ދެކުނުގައެވެ. މި ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ އަރަބި ފިރިހެނުން އާންމުކޮށް ބޮލުގައި އަޅަން ބޭނުންކުރާ ގަހްފިއްޔާ ރަމްޒުކޮށްދޭ ގޮތަކަށެވެ. މި ސްޓޭޑިއަމްއަށްވަނީ އާކިޓެކްޗަރަލް ރިވިއު ފިއުޗާ ޕްރޮޖެކްޓްސް އެވޯޑްވެސް ލިބިފައެވެ.

ގަތަރު ފީފާ ވޯލްޑްކަޕް 2022 ގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ އަލް ތުމާމާ ސްޓޭޑިއަމް އެޅުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު(ކ) އަދި ކޮމްޕިއުޓާ ޖެނެރޭޓަޑް އާޓް އިމޭޖެއް/ފޮޓޯ: ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ

ރަސް އަބޫދު ސްޓޭޑިއަމް

ގަލްފްގެ އައްސޭރިފަށުގެ ސަރަހައްދުގައި އަޅަމުންދާ ރަސް އަބޫދު ސްޓޭޑިއަމްއަކީ ގަތަރުގެ ހިތްގައިމު އުމްރާނީ ތަސްވީރުގެ މަލަމަތި ބެކްޑްރޮޕެއްގެ ގޮތުގައި ފެނިގެންދާ ސްޓޭޑިއަމްއެކެވެ. 40000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ ވޯލްޑްކަޕް މުބާރާތް ނިމުމުން އެކީއެކައްޗަކަށް ރޫޅާލުމަށްފަހު، އެކި ކަހަލަ ކުޅިވަރު އިވެންޓްތަކާ، ކުޅިވަރާ ގުޅުންނެތް އެކި އިވެންޓްތައް ބޭއްވޭ ގޮތަށެވެ. މިހާރު ކުރިއަށްދަނީ މި ސްޓޭޑިއަމްގެ ފައުންޑޭޝަންގެ މަސައްކަތްތަކެވެ.

ގަތަރު ފީފާ ވޯލްޑްކަޕް 2022 ގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ރަސް އަބޫދު ސްޓޭޑިއަމްގެ ކޮމްޕިއުޓާ ޖެނެރޭޓަޑް އާޓް އިމޭޖެއް/ފޮޓޯ: ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ

ވޯލްޑްކަޕު ބޭއްވުމަށް އުމްރާނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ގަތަރަށް ލޭބަރުން ގެންނަ މައްސަލައިގެ ޝަކުވާތަކެއް ފެންމަތިވި ނަމަވެސް، ބައިނަލްއަގުވާމީ މަސައްކަތްރިންގެ އިއްތިހާދު (އައި.އެލް.އޯ)އިންވަނީ މިމައްސަލަތައް ބޭރުކޮށްލާފައެވެ. ގަތަރުގެ ވާލްޑްކަޕް ސްޓޭޑިއަމްތައް އަޅަން އުޅުމުގެ ތެރޭގައި 3 މަސައްކަތްތެރިއަކު، އަދި މަސައްކަތުން ބޭރުން 9 މީހެއްގެ ފުރާނަ މިހާތަނަށް ވަނީ ގެއްލިފައެވެ.

ގަތަރުން ހުށަހަޅާފައިވާ ޕްރޮޕޯސަލާ އެއްގޮތަށް ސްޓޭޑިއަމްތަކާ އެނޫންވެސް މަރުކަޒުތައް ފަރުމާކުރުމުގެ އަމަލީ މަސައްކަތުގައި 26000 މީހުންގެ ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއީ މެދުއިރުމަތީ ގަލްފުގައި ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރުވެސްމެއެވެ.