ފުރާނައަށް ނުރައްކާވާ ކަމަށް ކަނޑައަޅާ، އިންޑިއާއިންވެސް ވޭޕްކުރުން މަނާކޮށްފިއެވެ.

ވޭޕްކުރުން މަނާކޮށް އިންޑިއާގެ ވަޒީރުން ނިންމި ނިންމުން ބުނާ ގޮތުގައި ވޭޕްކުރުމަށް ބޭނުންކުރާ އީ ސިނގިރޭޓްއާއި އެނޫންވެސް އާލާތްތައް އުފެއްދުމާ، އިމްޕޯޓްކުރުމާ ވިއްކުންވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން އީ ސިނގިރޭޓް އިސްތިހާރުކުރުންވެސް، މި އަމުރުގެ ދަށުން ވަނީ މަނާކޮށްފައެވެ.

އިންޑިއާގެ މާލީ ވަޒީރު ނިރުމަލާ ސިތާރާމާން ވިދާޅުވީ، ވޭޕްކުރުމުގެ ސަބަބުން ނުރައްކަލުގެ ތެރެއަށް ޒުވާނުން ވެއްޓެމުންދާތީ އެކަން ހުއްޓުވުމަށް ރިޔާސީ އަމުރެއްވެސް ނެރެފައިވާކަމަށެވެ.

އިންޑިއާގައި ކުޑަކުދިން ކަމަށް ބަލާއުމުރަށްވުރެ ދޮށިވެފައިވާ މީހުންގެ އާބާދީއަށް ބަލާއިރު 100 މިލިއަނެއްހާ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކަމުން، އީ ސިނގިރޭޓް ވިޔަފާރީ މިހާރަށްވުރެ ފުޅާކުރުމަށް އިންޑިއާވެފައިވަނީ ވަރުގަދަ މާކެޓަކަށެވެ.

އިންޑިއާގައި ވޭޕްކުރުން މަނާކޮށް ސަރުކާރުން ނެރުނު އަމުރާ ހިލާފުވެއްޖެނަމަ 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެމީހާގެ މައްޗަށް އިއްވޭނެއެވެ.

އެމެރިކާއާއި އިންޑިއާއިން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ވޭޕްކުރުމަކީ އަދުގެ ސްޓައިލަށްވެފައިވާކަމުގެ ރަމްޒެއް ކަމުގައި ޒުވާނުން ދެކޭ ކަމަށް އިންޑިއާގެ މާލީ ވަޒީރު ވިދާޅުވިއެވެ.

ވޭޕްކުރުން ހުއްޓުވުމަށް އިންޑިއާގެ ސަރުކާރުން ހަރުކަށި އަމުރެއް ނެރެފައި މިވަނީ، ވޭޕްކުރުމުގެ ސަބަބުން އެތައް ސަތޭކަ ޒުވާނުންނެއްގެ ފުރާނައަށް ނުރައްކާވާ ބައްޔެއް ޖެހިގެން އެމެރިކާއިން އެތައް ސަތޭކަ ބަޔަކު ހޮސްޕިޓަލުން ފަރުވާ ހޯދަމުންދަނިކޮށް، އޭގެ ތެރެއިން ބައެއް ޒުވާނުން މަރުވި ހާދިސާތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިންވެސް ވަނީ އި ސިނގިރޭޓްއާއި ދެކޮޅަށް އަމުރެއް ނެރެފައެވެ.

ވޭޕްކުރުމަކީ ދިވެހި ޒުވާނުންނާ ފުރާވަރު އުމުރުގެ ކުދިންގެ މެދުގައިވެސް 'ވައިގަ ހިފާފައިވާ' ނުރައްކާތެރި ވަބާއެކެވެ.