ސްރީ ލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާގެ ކައިވެނި ހަފްލާއަށް ރާއްޖޭގެ ސިޔާސީ އިސް ފަރާތްތަކެއް ވަޑައިގެންފިއެވެ.
އުމުރުން 33 އަހަރުގެ ނަމާލް ކައިވެނި ބައްލަވައިގެންނެވީ ލަންކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ތިލަކް ވީރަސިންހަގެ އަންހެން ދަރިފުޅު ލިމްނީ ވިރާސިންހާއެވެ. މި ދެބޭފުޅުން ކައިވެނި ބައްލަވައިގަތީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. މި ދެކަނބަލުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ ކައިވެނީގެ މަރުހަބާ ދަންނަވާ ޓްވީޓެއް ކުރައްވާފައެވެ.
ކައިވެނީގެ ހަފްލާއަށް ރާއްޖޭގެ ސިޔާސީ އިސް ފަރާތްތަކެއް ވަޑައިގެންފައިވާއިރު އޭގެތެރޭގައި މިހާރު ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި އަދި ކުރީގެ މިނިސްޓަރުންވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްވެސް ހިމެނިވަޑައިގަންނަވާ ކަން ވަނީ އެނގިފައެވެ. އަދި މީގެއިތުރުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ ދެކަނބަލުންވެސް ވަނީ ނަމާލްގެ ކައިވެނި ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.
ސިޔާސީ ބައެއް ފަރާތްތައް ނަމާލްގެ ކައިވެނި ހަފްލާގައި ބައިވެރިވެ ވަޑައިގެންފައި ވާއިރު މިދިޔަ ޖޫން މަހުގެ ތެރޭގައި ނަމާލް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި އެ ދަތުރުގައި އޭނާ ވަނީ ރައީސް ސާލިހުގެ އިތުރުން ބައެއް ވަޒީރުންނާއިވެސް ބައްދަލުކުރައްވާފައެވެ.