ގަވާއިދާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަތައް މިފަހަރު ހައްލު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ކޮށްފައިވާ ޓްވީޓަކަށް ރިޕްލައި ކުރައްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވިދާޅުވީ ރާއްޖޭގައި ގާނޫނާއި ގަވާދުތަކާއި ހިލާފަށް ބިދޭސީން އުޅެމުން އަންނަތާ 30އަކަށް އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބިދޭސީންގެ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވި އިރު ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ނިންމަވާފައެވެ. އެގޮތަށް ރައީސް ނިންމެވީވެސް މިއަދު އޮތް ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހުށަހެޅުއްވި ކަރުދާހަކަށް އެ މަޖިލީހުގައި ވަޒީރުންގެ ދެމެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ބިދޭސީންގެ މައްސަލައަށް ހައްލު ހޯދަން އެކުލަވާލާފައިވާ ސިޔާސަތުގައި ގާނޫނާ ހިލާފަށް ގާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި، އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުން ހިމެނެއެވެ.
މީގެއިތުރުން ރައީސް އޮފީހުން ބުނީ ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ގާނޫނާއި ހިލާފަށް ގާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމަވާފައެވެ. އަދި، ގާނޫނާއި ހިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި، ރާއްޖޭގައި ގެންގުޅުމާއި، ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ޤާއިމްކުރުމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުމަށް، ހުށަހެޅިފައިވާ ގޮތަށް "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ވެސް ވަނީ ރައީސް ވަނީ ނިންމަވާފައެވެ.