އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ 69 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ މައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިއާ ގާންދީ، މޯދީއަށް އުފަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ކޮންގްރެސް ޕާޓީއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މޯދީގެ އުފަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ސޯނިއާ ގާންދީ ފޮނުއްވި މެސެޖުގައި، ދުޅަހެޔޮ، އުފާވެރި އަދި ދިގު އުމުރުފުޅެއް މޯދީއަށް ލިބިވަޑައިގަތުމަށް އެދިވަޑައިގެންފައިވާކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މޯދީގެ 69 ވަނަ އުފަންދުވަސް އެމަނިކުފާނު ފާހަގަކުރައްވާނީ އުފަން ވަޒަންކަމަށްވާ ގުޖުރާތުގައި ހުންނަ އުފަން ގޭގައެވެ.

ބީޖޭޕީއިން ވަނީ މޯދީގެ އުފަންދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ހަފުތާއެއްގެ މުއްދަތަށް އެކި ހަރަކާތްތައް ކުރިއަށް ގެންދާނެކަން ހާމަކޮށްފައެވެ.