ދުޅަހެޔޮ ސިއްހަތަކީ ދިރިހުރި މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތެވެ. ކިތަންމެ ބަލައިގެން ފަރުވާތެރިކަމާއެކު އުޅުނުކަމުގައި ވީ ނަމަވެސް ބައްޔެއް ވެދާނެއެވެ. އެއްބައި މީހުންނަކީ ވަރަށް ފަސޭހައިން ބަލިވާ މީހުންނެވެ. އަނެއްބައި މީހުންނަކީ ދިފާއީ ނިޒާމު ވަރުގަދަ ވުމުގެ ސަބަބުން މާ އަވަސް އަވަހަށް ބަލިވާ ބައެއް ނޫނެވެ.

މިއިން ކޮންމެ މީހަކު ބަލިވި ކަމުގައި ވީ ނަމަވެސް ފަރުވާ ހޯދުމަށް ދަނީ ސިއްހީ އެހީތެރިއެއްގެ ގާތަށެވެ. މަދު މީހަކު އަމިއްލައަށް ގޭގައި "ފަރުވާއެއް" ހޯދިކަމުގައި ވީ ނަމަވެސް، ހޭޖެހޭ ކޮންމެ މީހަކުވެސް ބަލަނީ އެމީހަކަށް ވީ އެންމެ ރަނގަޅު ސިއްހީ ހިދުމަތެއް ހޯދޭތޯއެވެ.

ހޮސްޕިޓަލުގެ ބަލި އެނދުގައި އޮތް މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ވިކިމީޑިއާ ކޮމަންސް

މިފަދައިން ހިދުމަތް ހޯދަން ދާއިރު، ބަލިމީހާއަށް އޮންނަ ހައްގުތަކަކާ، އޭނާއަށް ލިބިދޭންޖެހޭ ރައްކާތެރިކަން ވަކި އުސޫލަކާ ގަވައިދެއްގެ ދަށުން ހަމަޖެހިފައިއޮވެއެވެ. ނަމަވެސް، އެކަން އެނގެނީ މަދު މީހަކަށެވެ. ހޮސްޕިޓަލެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގެ ތެރޭގައި އެމީހަކަށް ލިބިދީފައިވާ ހައްގުތަކާ ބާރުތައް އެނގޭ މީހަކު މަދެވެ. ބައެއް ފަހަރު، އެތަންތަނުގައި ތިބޭ މުވައްޒަފުންގެ ފަރާތުން ފުރައްސާރައާއި ތުރާތަކާ ކުރިމަތިވެ، ދެން ހަދާނެ ގޮތެއް ނެތެނީވެސް މިހެންވެއެވެ.

މިފަދަ ކަންކަމަށް މީހުން އަހުލުވެރިކޮށް، ބަލިމީހާ ނުވަތަ ޕޭޝަންޓްގެ ސަލާމަތްތެރިކަމާ ރައްކާތެރިކަމަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި ދުވަހެއް ފާހަގަކުރާކަންވެސް އެނގެނީ މަދު ބަޔަކަށެވެ. މިއަދަކީ އެދުވަހެވެ. ވާލްޑް ޕޭޝަންޓް ސޭފްޓީ ދުވަހުގެ ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯއިން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަމުންދާއިރު، މިކަމަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން އެގައުމަކަށް ހާއްސަ ބިނާއެއް ނުވަތަ ބިނާތަކެއް ކުލަ ބޮކިތަކުން ދިއްލާލުމަށް އެޖަމިއްޔާއިން ބާރުއަޅައެވެ. މިއީ މިފަދަ ދުވަހެއް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

އައިޖީއެމްއެޗްގެ މެންޓަލް ސެންޓާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައިދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ސިއްހީ ނިޒާމުގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިގެން ނުވާނެ ކަމަށް ހުރިހާ އެންމެންވެސް ގަބޫލުކުރެއެވެ. ނަމަވެސް، ރައްކާތެރި ނޫން ގޮތެއްގައި ފޯރުކޮށްދެވޭ ސިއްހީ ހިދުމަތްތަކުގެ ސަބަބުން އަހަރަކު 134 މިލިއަން ހާދިސާ ދުނިޔޭގެ އެކި ހިސާބުތަކުން ރިޕޯޓްކުރެވެއެވެ. އެއީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުންނެވެ. މިފަދަ ހާދިސާތަކުގައި 2.6 މިލިއަން މީހުން މި ދުނިޔެ ދޫކުރެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސިއްހީ ދާއިރާގެ އިހުމާލުން އަނިޔާ ލިބޭ ކޮންމެ 10 މީހަކުން 4 މީހަކީ އިބްތިދާއީ ނުވަތަ ފުރަތަމަ މަރުހަލާގައި އަނިޔާދެވޭ މީހުންނެވެ. ނަމަވެސް މީގެ 80 ޕަސެންޓް ހާދިސާއަކީ ނުހިނގާ ދުރުވެވިދާނެ ހާދިސާތަކެކެވެ. ޑަބްލިއު.އެޗް.އޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހޮސްޕިޓަލުން ފަރުވާ ހޯދާ ކޮންމެ 10 މީހަކުން 1 އަކީ ހޮސްޕިޓަލުގެ ސަބަބުން އިތުރު އަނިޔާއެއް ތަހައްމަލުކުރަންޖެހޭ މީހެކެވެ.

ސިއްހީ ހިދުމަތްތެރިންގެ ސަބަބުން ޕޭޝަންޓުންނަށް ކުރިމަތިލާންޖެހޭ ބައެއް ނުރައްކާތަކުގެ ތެރޭގައި:

  • ނުބައި ބޭހެއް ލިޔެދެވުން
  • ހޮސްޕިޓަލަށް ދާ ފަހުން އިތުރު އިންފެކްޝަންތައް ޖެހުން
  • ސާޖަރީ އާއި އޮޕަރޭޝަންތަކަކީ ސާފުތާހިރުކަން ކުޑަ މަރުހަލާއަކަށްވުން
  • އިންޖެކްޝަން ޖެހުމާ ލޭ ނެގުމުގައި ރައްކާތެރިކަމާ ސަލާމަތްތެރިކަން ނެތުން
  • ނުބައިކޮށް ބަލި ދެނެގަނެވުން
  • ރޭޑިއޭޝަން ދިނުމުގައި ގޯސްތަކެއް ހެދުން

ޕޭޝަންޓް ސޭފްޓީއަކީ ހޮސްޕިޓަލަށް ބަލިމީހާ ދިއުމަށްފަހު އޭނާގެ ސަލާމަތްތެރިކަމާ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާ އެނޫންވެސް ސިއްހީ އެހީތެރިންގެ ފަރާތުން ޕޭޝަންޓަށް ލިބިދާނެ ގެއްލުމަކާ އަނިޔާއިން ސަލާމަތްކުރުން ހިމެނެއެވެ. ޕޭޝަންޓް ސޭފްޓީއަކީ ކޮންމެ ސިއްހީ ހިދުމަތެއްގެ އަސާސެވެ. ފުރާނައަކީ އެއްފަހަރު ލިބޭ އެއްޗެއްކަމުން، ހެދިދާނެ ގޯހަކުން ސަލާމަތްވުމަށް ސިއްހީ ހިދުމަތްތެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.