ވޮލެޓް ވެރިފަރާތާ އެ ވޮލެޓް ހަވާލުކުރުމުން، އެ ފަރާތުން ދިން ހަދިޔާގައި ހިފުމަށް، އިޓަލީވިލާތުގެ ރޯމްގެ މަގެއްގެ މަތިން 2000 ޕައުންޑާއެކު އޮތް ވޮލެޓެއް ހޮވި ބަންގްލަދޭޝްގެ ޒުވާނާ އިންކާރުކޮށްފިއެވެ.

އިޓަލީވިލާތުގެ ވެރިރަށް ރޯމްގެ މަގެއްގެ ދުވާރު މަތީގައި، ގިނަ އަދަދެއްގެ ފައިސާއާއިއެކު ވޮލެޓް އޮތްތަން ފެނުމުން، އުމުރުން 23 އަހަރު މޫސާން ރަސާލް އެންމެ ފުރަތަމަވެސް އެކަން ފުލުހުންނަށް ރިޕޯޓްކުރިއެވެ. މާ ގިނަ އިރުތަކެއް ނުވެ، ވޮލެޓް ވެރިފަރާތުން ސީދާ ރަސާލްގެ އަތުން ވޮލެޓް ނަގާ ގޮތަށް އިންތިޒާމުތައް ހަމަޖެހުނެވެ.

އިޓަލީގެ ނޫހަކާ ވާހަކަދައްކަމުން ރަސާލް ބުނީ އޭނާ ކަންކުރީ އާދަޔާ ހިލާފު ގޮތަކަށް ނޫންކަމަށާ، އޭގައި ހުރީ އޭނާގެ ފައިސާގެ ނޫންކަމުން، ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރީ ކަމަށެވެ. އަދި އޭގައި ހުރި ފައިސާ ގުނާފައި ނުވާނެކަމަށްވެސް ރަސާލް ބުނެއެވެ. ހުރިހާ ކަމެއްވެސް ކުރީ ތެދުވެރިވުމުގެ ނިޔަތުގައި ކަމަށާ، އެއީ އޭނާގެ އާއިލާއިން ދަސްކޮށްދިން އަހުލާގުކަމަށްވެސް ރަސާލް ބުނެއެވެ.

އިޓަލީވިލާތުގެ ފުލުހުން ބުނި ގޮތުގައި އެ ވޮލުޓުގައި ގާތްގަނޑަކަށް 2200 ޑޮލަރަށްވާ ޕައުންޑާ، ކްރެޑިޓްކާޑުތަކާ، ލައިންސަންސް ކާޑެއްވެސް އޮތެވެ.

އިޓަލީވިލާތުގައި ދިރިއުޅެމުންދާތާ 7 އަހަރުވެފައިވާ ރަސާލްއަކީ މިހާރު ކުޑަ ފިހާރަގަނޑެއް ހިންގަމުން އަންނަ ޒުވާނެއްވެސް މެއެވެ. ވޮލެޓްގެ ވެރިފަރާތުން ބަދަލުގައި ދިން އިނާމުގައި ހިފުމަށް އިންކާރުކުރި ރަސާލް ބުނާ ގޮތުގައި، ވޮލެޓްގެ ވެރިފަރާތަކީ ރަސާލްގެ ކުޑަ ފިހާރައިގެ ރެގިއުލާ ކަސްޓަމަރަކަށް ވުމުން ފުދޭނެ ކަމަށެވެ.