ދެކުނު އޭޝިއާ ސަރަހައްދުގައި ހުރި އެންމެ އުސް ޓަވަރު، އަވަށްޓެރި ސްރީލަންކާއިން ރަސްމީކޮށް ހުޅުވައިފިއެވެ.

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ 'ލޮޓަސް ޓަވަރު' ރަސްމީކޮށް ހުޅުވާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

17 ފަންގިފިލާއަކަށް ބައިކޮށްގެން އިމާރާތްކޮށްފައިވާ ލޮޓަސް ޓަވަރުގެ އުސް މިނުގައި ގާތްހަނޑަކަށް 350 މީޓަރު ހުންނަ ކަމަށް މައުލޫމާތު ލިބެއެވެ. މުއާސަލާތީ ހިދުމަތްތަކާ ބެހޭ ދާރުލް އާސަރަކާ، ރެސްޓޯރަންޓްތަކާ، އޯޑިޓޯރިއަމްއެއްގެ އިތުރުން ވިޔަފާރި މޯލްއާއި ހޮޓަލެއްގެ އިތުރުން ޓީވީ ޓަވަރެއްވެސް މި އިމާރާތުގައި ހުންނަ ކަމަށް މައުލޫމާތު ލިބެއެވެ.

100 މިލިއަން ޑޮލަރަށްވުރެވެސް ބޮޑު ހޭދައެއްކޮށްގެން އިމާރާތްކޮށްފައިވާ ލޮޓަސް ޓަވަރުގެ ފަންޑިންގްގެ 80 ޕަސެންޓް ހަމަޖައްސާފައިވަނީ، މިފަހަކަށް އައިސް ބައިނަލްއަގުވާމީ ފެންވަރުގައި ހޫނު ބަހުސެއް ކުރަމުންދާ ޗައިނާގެ 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް'ގެ ދަށުންނެވެ.

ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރޯނިކްސް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަންއާއިއެކު ސްރީލަންކާއިން މި ޓަވަރު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2012 ވަނަ އަހަރުގެ ތެރޭގައެވެ.

ލޮޓަސް ޓަވަރު އާންމުކޮށް ހުޅުވުމަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ނިންމެވި ނަމަވެސް، މި ޓަވަރުގެ ބައެއް މަސައްކަތްތައް އަދިވެސް މުޅިން ނުނިމޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.