ހިންދީ ރިއަލިޓީ ޝޯތަކަށް ޝައުގުވެރިވާ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ބިގް ބޮސް" ސީރީޒްގެ 13 ވަނަ ސީޒަން އާންމުކޮށް ދައްކަން ފަށާ ތާރީހާ ގަޑިތައް އާންމުކޮށްފިއެވެ.

ކަލާޒް ޓީވީން އާންމުކުރި ޕްރޮމޯގައި ޝެފެއްގެ ގޮތުގައި ސަލްމާން ހާން ފެނިގެންދާއިރު، މި ޕްރޮމޯގައި ސަލްމާން ބުނާ ގޮތުންނަމަ އޭނާ ތައްޔާރުކުރަމުން ދަނީ "ކިޗްޅީ" އެވެ. ނަމަވެސް ސީޒަން އިން ފެނިގެންދާ ސެލެބްރިޓީންނާ އެކު ނިމޭއިރު ތައްޔާރުވާނީ "ރައިތާ" ކަމަށްވެސް ސަލްމާން އިޝާރާތް ކުރެއެވެ.

4 ހަފުތާއިން ސީޒަން ފިނާލޭއާއި ހަމައަށް ދާ ގޮތަށް އުފައްދައިގެން މިފަހަރުގެ "ބިގް ބޮސް" ސީޒަން ދައްކަން ފަށަން ހަމަޖައްސާފައިވަނީ މިމަހުގެ 29 ވާ އާދީއްތަ ދުވަހުގެ ރޭ، އިންޑިއާ ގަޑިން 09:00 ގައެވެ. ހަފްތާ ތެރޭގައި ޝޯ ދައްކާ ގަޑިއެއްކަމުގައި ވަނީ ރޭގަނޑު 10:30އެވެ.

ސެލެބްރިޓީ ލައިންއަޕެއް އޮތް "ބިގް ބޮސް 13"އަކީ، މީގެ ކުރީ 12 ސީޒަނާ ހުރިހާ ގޮތަކުންވެސް ތަފާތު ސީޒަނަކަށް ވާނެ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ކުރިން ލޯނާވްލާގައި މަންޒަރުތައް ޝޫޓުކުރި ނަމަވެސް، މިފަހަރުގެ ސީޒަންގެ މަންޒަރުތަކަކީ ފިލްމް ސިޓީ ގުރުގައުންގައި ނަގާ މަންޒަރުތަކެކެވެ.

މިފަހަރުގެ ސީޒަނުން ފެނިގެންދާނެ ކަމަށް ބެލެވޭ ބައެއް ފަރާތްތަކުގެ ތެރޭގައި ޗަންކީ ޕާންޑޭ، ވަޖީދު ހާން، ސިދާތް ޝުކްލާ އަދި އަދިތްޔާ ނަރާޔަންފަދަ، ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސެލެބްރިޓީން ހިމެނެއެވެ.

މިފަހަރުގެ ސީޒަންވެސް ހޯސްޓް ކުރާނީ ސަލްމާން ހާންއެވެ.