އެންޒައިޓީއާއި ޑިޕްރެޝަންގެ ނަފްސާނީ ބަލީގެ ތަކުލީފުތަކެއް އުފުލި ބޮލީވުޑްގެ ސުޕާސްޓާ ދީޕިކާ ޕަދުކޯންގެ މެންޓަލް ހެލްތް އެވެއާނަސް ލެކްޗަރުތައް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިފްތިތާހުކޮށްފިއެވެ.

"ލިވް ލަވް ލާފް ފައުންޑޭޝަން"ގެ ނަމުގައި، ނަފްސާނީ ބަލީގެ ދުޅަހެޔޮ ސިއްހަތަކަށް ވަކާލާތުކޮށް މަސައްކަތްކުރާ ޖަމިއްޔާއެއް ހިންގަމުން އަންނަ އުމުރުން 33 އަހަރުގެ ދީޕިކާ ބުނީ، ނަފްސާނީ ބަލިތަކާ ގުޅިގެން މީހުން ވާހަކަ ދައްކާ މިންވަރު އިތުރުވާން ފަށާފައިވާ ކަމަށާއި، އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނާ މެދު މުޖުތަމައު ދެކޭ ގޮތަށްވެސް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް، މީގެ 4 ކުރިން ފައުންޑޭޝަން އުފެދިގެން އައި ދުވަސްވަރާ އަޅާ ބަލާއިރު، އަންނަން ފަށާފައިވާ ކަމަށެވެ.

"ލިވް ލަވް ލާފް ފައުންޑޭޝަން"ގެ ބާނީ ދީޕިކާ ވަނީ، ނަފްސާނީ ބަލީގެ ކަންކަމަށް މުޖުތަމައު އަހުލުވެރިކުރުވުމުގައި މީޑިއާއިން އަދާކުރަމުން އަންނަ މަސައްކަތްތަކަށްވެސް ތައުރީފުކޮށްފައެވެ. އެގޮތުން އެކި ކަހަލަ ލިޔުންތަކާ ބަސްދީގަތުންތައް ޝާއިއުކޮށްގެން މުޖުތަމައުގެ ފިކުރު ބަދަލުކޮށްލުމަށް މީޑިއާއިން އިސް ރޯލެއް ކުޅޭކަން ދީޕިކާ ވަނީ ފާހަގަކޮށްފައެވެ.

ދީޕިކާގެ ފައުންޑޭޝަންއިންފެށި މެންޓަލް ހެލްތް ލެކްޗާ ސީރީޒްގައި ބައިވެރިވުމުގެ ފުރުސަތު، އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. ސޯޝަލް މީޑިއާ އެޕްލިކޭޝަން މެދުވެރިކޮށްގެންވެސް މި ލެކްޗަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަނީ ހުޅުވާލާފައެވެ.