މޭ އެންދުމާ ވައިގެ އުނދަގޫތަކަށް ދިވެހިންގެ މެދުގައި އާންމުކޮށް ބޭނުންކުރަމުން އަންނަ ރެނިޓިޑީން ނުވަތަ ޒެންޓެކްއާއި އޭގެ ޖެނެރިކް ބްރޭންޑްތަކުން ކެންސަރަށް މަގުފަހިކުރާ މާއްދާއެއް ފެނިއްޖެ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނެފިއެވެ.

ރެނިޓިޑިން ނުވަތަ ޒެންޓެކްއަކީ ބަނޑުގައި އުފެދޭ އެސިޑްގެ އުނދަގޫ ކުރިމަތިވާ ފަރާތްތަކާ އެކިކަހަލަ އެލާޖީ ހުންނަ މީހުން އެންޓިހިސްޓަމީންއެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ ބޭހެކެވެ.

މިހާތަނަށް ހޯދުނު ހޯދުންތަކަށް ބަލާއިރު ޒެންޓެކްއާއި ޖެނެރިކް ބްރޭންޑްތަކުގެ ހުރިހާ އުފެއްދުމަކުންވެސް ކެންސަރަށް މަގުފަހި ކުރާ މާއްދާއެއް ކަމަށްވާ ނައިޓްރޯސޯޑިމެތީލަމީން ނުވަތަ އެން.ޑީ.މީ.އޭގެ މާއްދާ ފެނިފައި ވާކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ޔޫރަޕިއަން މެޑިސިންސް އޭޖެންސީއިންވަނީ ރިޕޯޓް ކޮށްފައެވެ.

ވައި އެރުމާ އެސިޑް ރީފްލަކްސްގެ އުނދަގޫތަކަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ޒެންޓެކް ބޭސް/ފޮޓޯ: ޓްރޭޑްމީ

ކަންމިހެން އޮތް ނަމަވެސް މި ބްރޭންޑްތަކުގެ އުފެއްދުންތައް ވިއްކުން ހުއްޓާލުމަށާ، ބޭނުންކުރުން ހުއްޓާލުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަދި އިރުޝާދެއް ދީފައެއް ނުވެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސެންޓާ ފޮ ޑްރަގް އިވެލުއޭޝަން އެންޑް ރިސާޗްގެ ޑައިރެކްޓާ ޖެނެޓް ވުޑްކޮކް ވިދާޅުވީ، ޒެންޓެކްއާއި ޖެނެރިކް ބްރޭންޑްތަކުން އުފައްދާ ރެނިޓިޑީން ބޭހުން އެންޑީއެމްއޭގެ އަސަރު ފެނިފައި ވަނީ، ބައެއް ކަހަލަ ކާބޯތަކެތިން ވެސް މިމާއްދާ ފެންނަ ވަރަށްވުރެ ކުޑަ ތަންކޮޅެއް އިތުރަށް ކަމަށެވެ. ގިނަ އަދަދަކަށް ލޮނުއަޅައިގެން ތައްޔާރުކުރާ އެއްގަމު މަސް ނުވަތަ ކިއޯޑް މީޓްއާއި ގްރިލްޑް މީޓްއިންވެސް މިމާއްދާގެ އަސަރު ފެނެއެވެ.

މި ބޭސް ބޭނުން ކުރުން ހުއްޓާލަކަށް ނުބުނާނަން ކަމަށާ، ނަމަވެސް އެއީ ބޭސް ބޭނުންކުރާ ފަރާތުގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ކަމަށްވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނެއެވެ. އަދި ބޭސް ހުއްޓާލަނަމަ އެމީހަކު ގަވައިދުން ދައްކަމުން އަންނަ ޑޮކްޓަރާ މަޝްވަރާކޮށްގެން ބޭސް ހުއްޓާލުމަށްވެސް އެއިދާރާއިން އިރުޝާދުދެއެވެ.

ވައި އެރުމާ އެސިޑް ރީފްލަކްސްގެ އުނދަގޫތަކަށް ބޭނުންކުރާ ޒެންޓެކް ބޭސް/ފޮޓޯ: އެންބީސީނިއުސް

ޒެންޓެކް އުފައްދާ ސެނޯފީ ކުންފުނިން ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އެކުގައި މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.

އެންޑީއެމްއޭ ފެނިގެން ލޭގެ ޕްރޭޝަރު ބޭސްތަކެއް ބޭނުންކުރުން ހުއްޓާލުމަށްވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މީގެ ކުރިން ވަނީ އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި ވަލްޒާޓަން، ލޮސާޓަން އަދި އިރްބެސާޓަން ހިމެނެއެވެ.