ފިނި މޫސުމުގެ ދުވަސްވަރު އިންޑިއާގެ ވައި ނުސާފުވެ އިންތިހާއަށް ތަޣައްޔަރުވަމުންދާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމުގެ ގޮތުން، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިންޑިއާގައި ޕްރައިވެޓް ކާރުތައް ބޭނުންކުރުމަށް ހުރަސްތަކެއް ކުރިމަތިކުރަމުންދާނެކަން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ނިޔަލަށް މި ފިޔަވަޅުތައް ތަންފީޒުކުރަމުންދާނީ ވެރިރަށް ނިއު ދިއްލީގައެވެ. އެގޮތުން މިމުއްދަތުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށް މަގުތަކަށް ނިކުމެވޭނީ ކޮންމެ 2 ދުވަހަކުން 1 ދުވަހު ކަމަށް ދިއްލީގެ ޗީފް މިނިސްޓާ އަރްވީންދް ކެޖްރިވާލް ވަނީ ވިދާޅުވެފައެވެ.

2016 ވަނަ އަހަރުވެސް އިންޑިއާއިންވަނީ މިފަދަ ހަރަކާތެއް ހިންގާފައެވެ. ކޮންމެ 2 ދުވަހަކުން 1 ދުވަހު މަގުތަށް ބޭނުންކުރާނެ ޕްރައިވެޓް ކާރުތައް ކަނޑައަޅަނީ، އެ ކާރުގެ ލައިސަންސް ޕްލޭޓްގައިވާ ނަންބަރަކީ ހިސާބު ނަންބަރު އަދަދެއް ކަމަށްވާ 2 އަކުން ގެއްލާ ހުސްކުރެވޭ ނަންބަރު (އީވަން ނަމްބާޒް) އާއި އޭނޫން (އޮޑް) ނަމްބަރުތަކަށް ބަލައިގެންނެވެ. އެހެންކަމުން 1 ދުވަހު އީވަން ނަމްބަރުގެ ލައިންސަން އޮތް ކާރުތައް މަގުތައް ބޭނުންކުރާއިރު އަނެއް ދުވަހު މަގުތައް ބޭނުންކުރާނީ އޮޑް ނަމްބަރުގެ ލައިސަންސް އޮތް ކާރުތަކެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޗީފް މިނިސްޓާ އިތުރަށް ވިދާޅުވީ، 1000 އިލެކްޓްރިކް ބަސް ތައާރަފުކުރުމަށްވެސް ދިއްލީއިން ވިސްނަމުންދާކަމަށެވެ.

މިހާތަނަށް ހަދާފައިވާ އެކި ދިރާސާތަކުން ދައްކާ ގޮތުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީއަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސިޓީއެވެ.